ރާއްޖޭގައި މިހާރު ދިރިއުޅޭ ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަ މަސް ތެރޭގައި މެޑިކަލް ހަދަންޖެހޭގޮތައް ހަދައި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިޞްލާޙުކޮށް ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ނިންމަވައިފިއެވެ.

ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، ޞިއްޙަތާބެހޭ ވުޒާރާއިން މިކަމާއިގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މި ނިންމެވުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން، ޙާއްޞަކޮށް 'އެންޑެމިކް' ޤައުމުތަކުން އަންނަ މީހުން، ރާއްޖެ އައުމުގެ ކުރިންނާއި ރާއްޖޭގައި ތިބޭއިރު ޤަވާއިދުން، އޮންނަ އުޞޫލެއްގެ މަތިން 'އޮން-އެރައިވަލް' އަދި އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މީގެ އިތުރުން ރާއްޖެއަށް ދިގު މުއްދަތަކަށް އަންނަ ހުރިހާ ބިދޭސީން (ޑިޕެންޑެންޓް ވިސާ، ވަރކް ވިސާ، ރެސިޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ، ކޯޕަރޭޓް ރެސިޑެންޓް ވިސާ) ގައި އަންނައިރު 'އޮން އެރައިވަލް' އަދި އަހަރަކު އެއްފަހަރު މެޑިކަލް ހަދަން ޖެހޭނެކަމަށާއި، މެރިޖް ވިސާއަށް އަލަށް ހުށަހަޅާއިރު ވެސް މެޑިކަލް ހަދަންޖެހޭނެކަމަށް ރައީސް ވަނީ ނިންމަވާފަކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރާއްޖެ އައުމަށްފަހު ހަދަންޖެހޭ މެޑިކަލް ހެދުމަށް ދީފައިވާ މުއްދަތު، 30 ދުވަހުން 15 ދުވަހަށް ކުރުކުރުމަށް ވެސް ރައީސް ނިންމަވާފައިވާއިރު، ރާއްޖޭގައި މިހާރު ތިބި ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މެޑިކަލް ހަދާ ނިންމުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމާއި ގުޅިގެން ކަނޑައެޅުއްވުމަށް މަޝްވަރާކުރެއްވި އުސޫލުތަކުގެ ސަބަބުން ރާއްޖޭގައި ނައްތާލެވިފައިވާ އަދި ކޮންޓްރޯލް ކުރެވިފައިވާ ބަލިތައް އަލުން ރާއްޖޭގައި އިއާދަވުމުން ދުރުކޮށްދޭނެއެވެ.