ގިނަ އެވޯޑްތަކަކާއެކު 2021 ވަނަ އަހަރުގެ އެންމެ ރަނގަޅު ކައުންސިލްގެ އެވޯޑު ށ. އަތޮޅު ކައުންސިލުން ހޯދައިފިއެވެ.
މި އެ ވޯޑްތައް އެ ކައުންސިލަށް ދީފައި ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފްލާގައެވެ.
2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން ގަދަހަމާންތީގެ 1 ވަނަ ދަރަޖަ އެކައުންސިލުން ހޯދާފައިވާއިރު، އިތުރު އެވޯޑްތައް ވެސް ވަނީ ހޯދާފައެވެ. އަދި 2021 އަދި 2022 ވަނަ އަހަރު އެންމެ ގިނަ އެވޯޑު ހޯދި ކައުންސިލަކީ ވެސް އެޔެވެ.
މިގޮތުން ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސް އިން ފާއިތުވި އަހަރުގެ ނަތީޖާ އަޅާބަލާއިރު އެންމެ ބޮޑު ކުރި އެރުމެއް ހޯދައި، 2021 ވަނަ އަހަރު ކާންނާ އެވޯޑް ހާސިލްކުރީ ވެސް ށ. އަތޮޅު ކައުންސިލުންނެވެ. އަދި އެ އަހަރު އިފެކްޓިވްނަސް ސަބް އިންޑެކްސްއިން 1 ވަނަ ހޯދައި މާރަދަ އެވޯޑު ހާސިލްކުރީ ވެސް އެ އަތޮޅު ކައުންސިލުންނެވެ. މީގެ އިތުރުން ހަމައެ އަހަރު އެކައުންޓަބިލިޓީ ސަބް އިންޑެކްސްއިން 1 ވަނަ ހޯދައިގެން މާރަދަ އެވޯޑު އެކައުންސިލަށް ވަނީ ލިބިފައެވެ.
ށ. އަތޮޅު ކައުންސިލުން 2022 ވަނަ އަހަރުގެ ޕާޓިސިޕޭޝަން އިންޑެކްސްއިން 1 ވަނަ ހޯދައި، މާރަދަ އެވޯޑު ހޯދާފައިވާއިރު، އެ އަހަރު އެކައުންޓަބިލިޓީ ސަބް އިންޑެކްސްއިން ވެސް 1 ވަނަ ހޯދައި އެވޯޑު ހޯދާފަވެއެވެ.
މި އެވޯޑުތަކުގެ ތެރެއިން އެއްވަނަ ކައުންސިލްގެ އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. އިތުރު އިނާމުތައް ހަވާލުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. ށ. އަތޮޅު ކައުންސިލްގެ ފަރާތުން މި އެ އެވޯޑުތަކާއި ހަވާލުވެލެއްވީ ރައީސް މުހައްމަދު ޝިޔާމް (ޝިޔާންޓޭ) އެވެ.
ގަދަހަމާންތީ ދަރަޖައަކީ އަތޮޅު ކައުންސިލްތަކުގެ ތެެރެއިން 1،2،3 ވަނަ ހޯދާ ކައުންސިލްތަކަށް ދޭ ދަރަޖެއެވެ.
2022 ވަނަ އަހަރު މި ދަރަޖަ ހޯދާފައި ވަނީ ފ. އަތޮޅު ކައުންސިލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!