ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާލީ ވަޒީރަށް ލަފާ މުޝީރުންގެ ގޮތުގައި، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް މިއަދު ދެ ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.

އެ ދެ ބޭފުޅުންނަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފަހުން މާލީ ވަޒީރަކަށް ހުންނެވި އަހްމަދު މުނައްވަރާއި، މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުކަން ކުރައްވާފައިވާ އަހްމަދު ނަސީރެވެ.

Ad
rt

މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ދެބޭފުޅުން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް ޢައްޔަނުކުރައްވާފައި ވަނީ މިނިސްޓަރުންގެ ފެންވަރުގައެވެ.

މި ދެ ބޭފުޅުންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނޭކަމަށް ރައީސް އޮފީހުން ބުނެފަވެއެވެ.

އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރަކީ (މާލީ ވަޒީރަކީ) ޑރ. މުޙައްމަދު ޝަފީޤެވެ. އެންމެ ފަހުން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި ޝަފީޤަކީ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ.