ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރަން މިރޭ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އެ ޖަލްސާ އޮންނާނީ މިރޭ 8:30 ގައެވެ.
މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ އިސްތިއުފާ ދެއްވާފައި ވަނީ އޭނާއާ ދެކޮޅަށް މަޖިލިހަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދަނިކޮށެވެ. އީވާ މަގާމުން ވަކި ކުރަން މަޖިލިހަށް ހުށަހެޅުއްވީ އެމްޑީޕީގެ 49 މެމްބަރުންނާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ސޮޔާއެކުގައެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ގަރާރު ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދެވެ. އެ ގަރާރަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި އެންމެ ފުރަތަމަ ވެސް ވާހަކަ ދެއްކެވީ އީވާއެވެ. އޭނާ ވަނީ އެ މައްސަލައިގައި ގާތްގަނޑަކަށް ބައިގަޑިއިރެއް ހާއިރު، މައްސަލަ އަށް ޖަވާބުދާރީވެވަޑައިގެންފައެވެ.
އީވާގެ ވާހަކަ ނިންމަވާލައްވަމުން އިސްތިއުފާ ދެއްވަން ބޭނުންވާ ކަން އިއުލާން ކުރެއްވިއެވެ. އަދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިސްތިއުފާގެ ސިޓީ ވަނީ އިދާރީ މޭޒާ ހަވާލުކޮށްފައެވެ. އެ ސިޓީގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ނ) ގެ ދަށުން މިއަދުން ފެށިގެން މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި އެކަން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމަށް އަންގަވާ ކަމަށެވެ.
އީވާ އިސްތިއުފާދެއްވި ސިޓީ ތަޅުމުގައި އިއުލާން ކުރެއްވުމުން ބައެއް މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައި، އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުގެ ބޭނުން ކުރައްވާފައިވާތީ، އިތުބާރުގެ ގަރާރަށް ބަހުސްކޮށް ވޯޓުން ގޮތެއް ނިންމުމަށް ގޮވައިލައިފަ އެވެ.
ނަމަވެސް މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމުގެ ގަރާރުގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދާށެވެ.
އީވާ މަޖިލީހުގެ ނައިބު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިއިރު، މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ 13 ނޮވެމްބަރު 2023 ގައި މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފައެވެ. ނަޝީދު އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ ޖަލްސާ ފެށުނުތަނާހެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!