ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލިހަށް ހުށަހެޅި އިތުބާރުގެ މައްސަލައިގެ ވޯޓުގެ ކުރިން އީވާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

50 މެމްބަރުންގެ ސޮޔާއެކު އީވާ މަޖިލީހުގެ ނައިބު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ހުށަހެޅީ 13 ނޮވެމްބަރު 2023 ގައެވެ.

Ad
rt

މި މައްސަލައިގެ ނޯޓިސް އީވާ އަށް ފޮނުވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ނޯޓިސް ފޮނުވާތާ 14 ދުވަހަށް ފަހު އެންމެ ފުރަތަމަ ބާއްވާ ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންދަން ޖެހެއެވެ.

އެހެންވެ އެކަން އެޖެންޑާކޮށް މިއަދަށް ޖަލްސާއެއް ތާވަލު ކުރިއެވެ. އީވާ މަގާމުން އިސްތިއުފާދެއްވީ އޭނާ ޖަވާބުދާރީވެވަޑައިގަތުމަށް ރިޔާސަތުން ދިން 30 މިނެޓުގެ ފުރުސަތުގެ ބޭނުން ކުރެއްވުމަށްފަހު، ވޯޓު ނެގުމުގެ ކުރިންނެވެ.

50 މެމްބަރުންގެ ސޮޔާއެކު މަޖިލިހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން ހުށަހަޅައިފި

އީވާގެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބުމާއެކު އެ ސިޓީ ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވާފަ އެވެ.

އީވާ އިސްތިއުފާދެއްވި ސިޓީ ތަޅުމުގައި އިއުލާން ކުރެއްވުމުން ބައެއް މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައި، އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުގެ ބޭނުން ކުރައްވާފައިވާތީ، އިތުބާރުގެ ގަރާރަށް ބަހުސްކޮށް ވޯޓުން ގޮތެއް ނިންމުމަށް ގޮވައިލައިފަ އެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމުގެ ގަރާރުގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދާށެވެ. އަދި އެކަން ޢިއުލާން ކުރެއްވިއެވެ.

އީވާ މަޖިލީހުގެ ނައިބު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިއިރު، މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ 13 ނޮވެމްބަރު 2023 ގައި މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފައެވެ. ނަޝީދު އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ ޖަލްސާ ފެށުނުތަނާހެންނެވެ.