ކިޔެވުމެކޭ އެއްވަރަށް ކުޅިވަރުގައި ވެސް ކުދިން ކުރިއަށްގެންދިއުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ މިހެން ވިދާޅުވީ، އިއްޔެ ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓް 2023 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުދިންގެ ހެދިބޮޑުވުމުގައި ކުޅިވަރަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ފަސްޓްލޭޑީ މެޑަމް ސާޖިދާގެ ވަނީ އިއްޔެގެ ވާހަކަފުޅުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން، ކުޅިވަރަކީ ހަމައެކަނި ވަނަ ހޯދުމަށް ކުރާކަމެއް ނޫންކަމަށާއި، އޭގެ އިތުރުން ކަސްރަތެއްގެ ގޮތުގައިވެސް ބަލައިގެން ކުރިއަށް ދިއުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
އެކަމަނާވަނީ، އެ ފިއެސްޓް އަކީ ކުރިމަގުގައި މާލޭގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތަކުގެ ސްކޫލްތަކުގެ ވެސް ބައިވެރިވުން އޮންނަ ފިއެސްޓް އަކަށް ހެދުމަށް އެދިވަޑައިގެންފައެވެ. އަދި އަތޮޅުތަކުގެ ސްކޫލް ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތައް ފިއެސްޓާތައް އިންތިޒާމް ކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.
ފިއޮންޓި ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއާ ގުޅިގެން ބޭއްވި މި ފިއެސްޓާ ކުރިއަށްގެންގޮސްފައިވަނީ 2023 ނޮވެންބަރު 30 އިން 2023 ޑިސެންބަރު 2އަށެވެ.
މާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި އެކި ސްކޫލްތަކުން ޖުމްލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވިއެވެ.
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވަނީ މުބާރާތުގެ ފައިނަލް މެޗްތައް ބައްލަވާލައްވައި މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް ހަވާލުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!