ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި އޭނާ އާއި ނޫމަޑި މައްސަލައާއި ގުޅުވައި ދެއްކީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމާ އޭނާ އާއި އެއްވެސް ގުޅުމެއްނެތް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ސަރުކާރުގައި ދާޚިލީ ވުޒާރާގެ ނައިބު ވަޒީރުކަން ވެސް ކުރައްވާފައިވާ ފަތުހީ މިހެން ވިދާޅުވީ މިއަދު ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖެ ޓީވީން މިއަދު ގެނެސްދިން ''ފަށާއިރު'' ޕްރޮގްރާމްގެ ތެރޭގައި ވަނީ ރައީސް ޑރ. މުޢިއްޒު، ސަރުކާރުގެ ބައެއް ވުޒާރާތަކަށް އިއްޔެ ޢައްޔަނުކުރެއްވި ބައެއް ބޭފުޅުންނާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭގެ ތެރޭގައި ނޫމަޑި މައްސަލާގައި މުޢިއްޒު އާއި ދެކޮޅަށް ދައުލަތުގެ ފަރާތުން ހެކިބަސް ދިން ތިން ބޭފުޅެއް މިހާތަނަށް ސަރުކާރުގެ މަގާމުތަކަށް ޢައްޔަނުކޮށްފައިވާކަމަށް އެ ޕްރޮގްރާމްގެ ޕްރެޒެންޓަރުން ބުނެފަ ވެއެވެ.
އޭގެ ތެރެއިން ފަތުހީ އާއި ގުޅުވައި ޕްރޮގްރާމްގެ ޕްރެޒެންޓަރު ބުނެފައި ވަނީ ފަތުހީ އަކީ ނޫމަޑި މައްސަލާގައި ދައުލަތުގެ ހެއްކެއް ކަމަށެވެ. އެއީ އެ މައްސަލާގައި މިހާރުގެ ރައީސް ޑރ. މުޢިއްޒާ ދެކޮޅަށް ހެކިބަސްދޭން ވަޑައިގެން ބޭފުޅެއް ކަމަށާއި، ދުވަސްވީ މައްސަލައެއްވީމާ ބައެއް ހެކިވެރިން އެކަން ހަނދާނުގައި ނެތް ކަމަށް ޕްރެޒެންޓަރު ބުންޏެވެ. އަދި މިހާރު ފަތުހީ ވެސް އެކަން ހަނދުމަ ނެތުނީތޯ ޕްރެޒެންޓަރު ވަނީ ސުވާލުކޮށްފައެވެ.
''މޫސާ ފަތުހީއަކީ ނޫމަޑި މައްސަލާގައި މުޢިއްޒާ ދެކޮޅަށް ހެކިބަސްދޭން ދައުލަތުން ގެންދިޔަ ބޭފުޅެއް، އެ ބޭފުޅާ ހަނދާން ނެތީ އެކަމުގައި ކަންތައް ހިނގާދިޔަގޮތް، ނެތީމަ މުޢިއްޒާ ދެކޮޅަށް ހެކިބަސް ނުދެވުނީ،'' ޕްރެޒެންޓަރު ބުނެފަވެއެވެ.
''ހެކި ބަސް ދެއްވި، ނަމަވެސް ހެކިވެރިންގެ ހެކިބަހުން ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިނުވޭ، ނޫމަޑި މައްސަލަ ދައުލަތުން ފަހުން އިސްތިއުނާފް ނުކުރި ސަބަބުތަކުގެ ތެރޭގައި އެކަން ހިމެނޭ، ހެކިވެރިންގެ ހެބކިބަހުން ދައުލަތުން ސާބިތުކުރަން ބޭނުންވިކަންކަން ސާބިތުކޮށްދެވިފައި ނެތުން، ނެތިއްޔާ ހައިކޯޓަށް ހިފައިގެން ދިޔުމުގެ ބޭނުމެއް ނޯންނާނެތާ، އެގޮތައް ދައުލަތުން ބުނެފައިވޭ،'' ޕްރޮގްރާމްގެ ދެވަނަ ޕްރެޒެންޓަރު ބުނެފަވެއެވެ.
މި ޕްރޮގްރާމްގެ ޕްރެޒެންޓަރުންގެ ވާހަކަތަކާއި ގުޅުވައި ފަތުހީ ވިދާޅުވީ، އެއީ ބުހުތާން ދޮގުތަކެއް ކަމަށެވެ. އަދި އެކަން ކުށްވެރިކުރައްވާ ކަމަށެވެ. އެއީ އޭނާ އާއި އެއްވެސް ގުޅުމެއް ނެތް ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
''ރާއްޖެޓީވީގެ މިއަދުގެ މާއިރާ ޕްރޮގްރާމްގައި، އަޅުގަނޑާއި ނޫމަޑިމައްސަލައާއި ގުޅުވައި ބުހުތާނުދޮގު ވާހަކަތަކެއް ދައްކާފައިވާތީ އެކަން ކުށްވެރި ކުރަމެވެ. ނަމަވެސް އެކަމަކީ އަޅުގަނޑާއި އެއްވެސް ގުޅުމެއްހުރި ކަމެއްނޫނެވެ.'' ފަތުހީ ވިދާޅުވެފަ ވެއެވެ.
މަޢުލޫމާތަށްޓަކައި:
ރާއްޖެޓީވީގެ މިއަދުގެ މާއިރާ ޕްރޮގްރާމްގައި، އަޅުގަނޑާއި ނޫމަޑިމައްސަލައާއި ގުޅުވައި ބުހުތާނުދޮގު ވާހަކަތަކެއް ދައްކާފައިވާތީ އެކަން ކުށްވެރި ކުރަމެވެ. ނަމަވެސް އެކަމަކީ އަޅުގަނޑާއި އެއްވެސް ގުޅުމެއްހުރި ކަމެއްނޫނެވެ. pic.twitter.com/IDQgqLNWad— Moosa Fathuhee Adam (@M_Fathuhy) November 22, 2023
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ފަތުހީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރު ކަމަށް ޢައްޔަނުކުރައްވާފައި ކުރައްވާފައި ވަނީ އިއްޔެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!