ޖަރުމަނު ލީގުގައި ވާދަކުރަމުން އަންނަ ޔޫނިއަން ބާލިންގެ ނަތީޖާތައް ދައްވެ، އެ ޓީމްގެ ކޯޗުގެ މަގާމުގައި ހުރި އާސް ފިޝާ އެ މަގާމުން ވަކިކޮށްފިއެވެ.

ފިޝާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި އެ ޓީމު ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ލީގުގައި 11 މެޗު ކުޅުނު އިރު މޮޅުވީ އެންމެ ދެ މެޗުންނެވެ. ހަ ޕޮއިންޓާއިއެކު މިވަގުތު އެ ޓީމް އޮތީ ތާވަލުގެ ފުލުގައެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް އެ ޓީމުން ހަތަރު މެޗު ކުޅެފައިވާއިރު އޭގެތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ.

Ad
rt

މި ސީޒަންގައި ފިޝާގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ނަތީޖާތައް ދަށްވެފައި ވީނަމަވެސް ފާއިތުވި ފަސްއަހަރު އޭނާ ވަނީ އެ ޓީމްގެ ތާރީހީ ކާމިޔާބުތަކެއް ހޯދައިދީފައެވެ. 2018 ވަނަ އަހަރު އޭނާ އެ ޓީމާއި ހަވާލުވެ ޖަރުމަނު ލީގަށް އެ ޓީމް ކޮލިފައި ކޮށްދިނުމުގެ އިތުރުން ފާއިތުވި ތިންއަހަރު ވަނީ ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

2021 ވަނަ އަހަރު ތާވަލުގެ ހަތްވަނަ ހޯދައި އެ ޓީމް ވަނީ ޔޫރޮޕާ ކޮންފަރެންސް ލީގުން ޖާގަ ހޯދާފައެވެ. ޖެހިގެން އައި 2022 ވަނަ އަހަރު ފަސްވަނާގައި ލީގު ނިންމައި ޔޫރޮޕާ ލީގުން އެ ޓީމަށް ފުރުޞަތު ހޯދައިދިނެވެ. އެއަށްފަހު ފާއިތުވި ސީޒަންގައި ހަތަރުވަނަ ހޯދައި ޔުއެފާ ޗެމްޕިއަންސް ލީގަށް އެ ޓީމް ކޮލިފައި ކޮށްދިނެވެ. މިއީ އެ ޓީމްގެ ތާރީހުގައި ވެސް އެ ލެވެލްއަށް ދެވުނު ފުރަތަމަ ފަހަރުތަކެވެ.