ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ޝަހީދުވި މީހުންގެ އަދަދު 10،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު، އިސްރާއީލުން ބޮން އަޅަމުން ދިއުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 10،022 އަށް އަރައެވެ. މީގެތެރޭގައި 4،000 އެއްހާ ކުޑަކުދިންނާއި 2،500 އަށް ވުރެ ގިނަ އަންހެނުން ވެސް ހިމެނެއެވެ. ޝަހީދުވި މީހުންގެ އަދަދު ކުއްލިއަކަށް މިހާ ބޮޑަށް އަރައިގެން މި ދިޔައީ ރޭގެ ވަގުތެއްގައި އިސްރާއީލް ސިފައިން ވައިގެ މަގުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ވައިގެ ހަމަލާތަކަށް ފަހުގައެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި ރޭގައި އެކަނި ވެސް ހަމާސް އިން ބޭނުން ކުރާ 100 އަށް ވުރެ ގިނަ ތަންތަނަށް ވަނީ ބޮން އަޅައިފައެވެ. ރޭގައި އެކަނި ވެސް ޝަހީދުވި މީހުންގެ އަދަދު 200 އާ ގާތް ކުރާނެ ކަމަށް ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް-ޝިފާ ހޮސްޕިޓަލުން ބުނެފައިވެއެވެ. އަނެއްކޮޅުން އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައި ތިބީމަ، މި އަދަދު މިއަށް ވުރެ ވެސް އިތުރުވުން އެކަށީގެންވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރާ 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ހިމެނެއެވެ. އަދި 250 މީހަކު ރަހީނުކޮށްގެން ޣައްޒާ އަށް ގެންގޮސްފައިވެއެވެ. ހަމާސް އިން އެންމެ ފަހުން ބުނާ ގޮތުގައި ޣައްޒާ އަށް ގެންދިޔަ މީހުންގެ ތެރެއިން ފަންސާހަކަށް މީހުން ވަނީ މަރުވެފައެވެ. އެއީ އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން ކަމަށާއި 60 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ވެސް ހަމާސް އިން ބުނެއެވެ. ހަމާސް އިން ބުނާ ގޮތުގައި 23 މީހަކު ޔަގީނުން ވެސް ވަނީ އިމާރާތްތަކުގެ ދަށުވެފައެވެ.
އިސްރާއީލް އާއި ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ ހަނގުރާމަ އަށް މާދަމާ ހަފްތާއެއްވާ އިރު، މި ހަނގުރާމަ ނިމުމުގެ ކޮޅުމައްޗެއް އަދިވެސް ނުފެނެއެވެ.
ހަމާސް އިން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި މިސްކިތްތަކާއި ހޮސްޕިޓަލްތައް ކައިރިއަށާއި ފައްޅިތައް ހިމެނެއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ޣައްޒާގެ އެތައްހާސް އިމާރާތްތަކެއް ބިމާ ހަމަވެ، އެއް މިނިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ވަށާލާފައި ވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުން ވަނީ ސާފު ފެނާއި ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތިން މަހުރޫމުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!