ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫޢު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިއްޔެ އާންމުކޮށްފައިވާއިރު އެ ލިސްޓާއި މެދު ހިތްހަމަނުޖެހި އާންމުންގެ ބަޔަކު ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އަށް އެއްްވެ އިހުތިޖާޖުކޮށްފިއެވެ.
އިއްޔެ އާންމު ކުރި ލިސްޓްގައި 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތައް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
މި ލިސްޓާމެދު އާންމުން ހިތްހަމަނުޖެހި ޝަކުވާތައް ބަންޑުންވެފައި ވަނިކޮށް، އާންމުން މިއަދު ވަނީ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އަށް އެއްވެފައެވެ. އެ މީހުން ފާހަގަކުރި މައިގަނޑު ކަންބޮޑުވުމަކީ، 4،000 ފްލެޓް ލިބޭ މީހުނަށް ޕޮއިންޓް ދީ އެ މީހުން ކަނޑައެޅި ގޮތެވެ. މިއަދު އެ މިނިސްޓްރީ އަށް ދިޔަ މީހުންގެ މައިގަނޑު އެއް ޝަކުވާއަކީ ޕޮއިންޓް ދިން ގޮތެވެ. އަދި އޭގެ ތަފްސީލް ހޯދުމަށް އެދި އަޑު އުފުލާފަވެއެވެ.
އެތަނަށް ދިޔަ ބައެއް މީހުން ބުނީ 4000 ފްލެޓް ދޭނެ މީހުން ކަނޑައެޅުމުގައި އިންސާފްވެރިކަމެއް ނެތްކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތު ބެލިނަމަވެސް ލިސްޓް ފައިނަލް ވެގެން އައިއިރު އެކަން ފެންނަން ނެތް ކަމަށެވެ.
''ކުޑަތަންކޮޅެއްގައި ދަތިހާލުގައި އުޅޭ އެތައް ބަޔެއް 13 ހާސް ފްލެޓްގެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް އޮތަސް، މިހާރު ފެންނަން ހުރި 4000 ފްލެޓު ދިނީ އެންމެ މުހުތާދު ޖެހިފައިވާ މީހުންނަށް ބަލައިގެންނެއްނޫން، ވެރިކަންކުރާ ޕާޓީއާއި، މަޖިލިސް މެންބަރުންނާއި ނުފޫޒު ހުރި މީހުންނަށް ބަހާލީ'' މިނިސްޓްރީ ބޭރުގައި ހުރެ އެކަކު ރުޅިގަދަވެފައި ބުންޏެވެ.
އެކަކު ބުނި ގޮތުގައި ކުދިތަންކޮޅުގައި ވޭން ބަރުދާސްތު ކުރާ އެތައް ބަޔަކު ފްލެޓްގެ އުންމީދުގައި ތިބި ނަމަވެސް، އެކަނިމާ އެކަނި ހުރި ޕާޓީ މީހާ އަށް ފްލެޓް ލިބިފައި އެބަހުއްޓެވެ. އަދި އެފަދަ ކަންކަން ބަލައިނުގަނެވޭނެ ކަމަށް ވެސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!