އިޙްތިރާމަކީ އެންމެ ދުވަހަކުން ލިބޭނެ އެއްޗެއް ނޫންކަމަށާއި، އިޙްތިރާމު ހޯދުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާތައް ތެދުވެރިކަމާއެކު އަދާކުރުމަށް ނައިބު ރައީސް ފައިޞަލް ނަޞީމް އިލްތިމާސް ކުރައްވައިފިއެވެ.

ނައިބު ފައިޞަލް ނަޞީމް މި އިލްތިމާސް ކުރެއްވީ، މިއަދު މެންދުރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރިއަށްގެންދިޔަ ފަހި މުސްތަޤްބަލް ސްޕީކަރ ސީރީސް 2023ގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އިޙްތިރާމަކީ އެންމެ ދުވަހަކުން ލިބޭނެ އެއްޗެއް ނޫން ފާހަގަކުރައްވައި، ކޮންމެ މީހަކުވެސް އިޙްތިރާމު ހޯދުމަށްޓަކައި އެމީހެއްގެ ޒިންމާތައް ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، އިޚްލާސްތެރިކަމާއެކު އަދާކުރުމަށް އެދިވަޑައިގެންފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކަމަކުން ކާމިޔާބު ޙާޞިލުކުރުމަށް މަސައްކަތްތައް ބައްޓަންކުރެވިދާނެ ގޮތްތަކާގުޅޭގޮތުން އެމަނިކުފާނުގެ ތަޖުރިބާ ޙިއްޞާކުރައްވަމުން ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިވަޑައިގަތުމަށް އެމަނިކުފާނު ހުންނެވިތަނުން ކެނޑިވަޑައިގެން އެހެންތަނަކަށް ބަދަލުވެވަޑައިގެންނެވުމުގެ ބަދަލުގައި އެ ގޮންޖެހުމާއި ކުރިމަތިލައްވައި އެކަން ހައްލުކުރައްވައި ޒިންމާ އަދާކުރެއްވިކަމުގައި ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފަހި މުސްތަޤްބަލް ސްޕީކަރ ސީރީސް 2023ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޯޑިއަންސްގައި ތިއްބެވި ބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.