ކުރިއަށް އޮތް ކައުންސިލް އިންތިހާބްގައި، ރިސޯޓްތަކުގައި 50 މީހުން ރަޖިސްޓްރީކޮށްފިނަމަ އެ ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނެ އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއިން ރޭ ގެނެސްދިން ފަލަ ސުރުހީ ޕްރޮގްރާމްގައި އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަަމް ވިދާޅުވީ "ރިސޯޓްތަކުގައި 50 މީހުން ރަޖިސްޓްރީކޮށްފިނަމަ އެ ރިސޯޓްތަކުގައި ވޯޓްފޮށި ހުންނާނެ. އަޅުގަނޑުމެން މީގެ ކުރިއާ ހިލާފަށް މިފަހަރު ހުޅުވާލާނަން ހުރިހާ ރިސޯޓެއްގައި ރަޖިސްޓްރީކުރަން." އަކްރަމް ވިދާޅުވި އެވެ.

Ad
rt

މީގެ އިތުރުން އަކުރަމް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކޮންސިއުލޭޓް ނުވަތަ އެމްބަސީ ހުންނަ ގައުމުތަކުގައި 150 މީހުން ވޯޓްލާން ރަޖިސްޓްރީކޮށްފިނަމަ އެގައުމުތަކުގައި ވެސް ވޯޓް ފޮށި ބަހައްޓާނެކަމަށެވެ.

އޭގެ އިތުރުން ޖަލުތަކުގެ ތެރެއިން ޖަލެއްގައި 25 މީހުން ރަޖިސްޓްރީކޮށްފިނަމަ އެ ޖަލުގައިވެސް ވޯޓްފޮށި ބަހައްޓާނެކަމަށް އަކްރަމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކާއި އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓް އާންމުކޮށްފައިވާއިރު އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހާ ހަމައަސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ކައުންސިލް އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް 4 ގައެވެ.