ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމަށް ހުޅުވާލާފައިވާ ފުރުސަތު މާދަމާ ހަމަވާނެއެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި، ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 ގޯއްޗަށް ވަނީ ހުޅުވާލާފައެވެ.
މި ފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިރާވަރު އުތުރުފަޅުންނެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުނީމަ ކަމަށް ސަރުކާރުން ވިދާޅުވެފަވެއެވެ.
މިފަހަރު ދޫކުރާ ގޯތިތަކަށް ހުށަހަޅާ އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ. ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000 އަކަފޫޓެވެ.
މިފަހަރު ހުޅުވާލާފައިވާ 6000 ފްލެޓަށް ފުރަތަމަ ފިޔަވައްސެކޭ އެއްގޮތައް މާލޭގެ ރައްޔިތުންގެ އިތުރުން މަލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ކުރިމަތިލެވޭނެއެވެ.
ފްލެޓަށް ކުރިމަތިލާ މީހުންނަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވާނެޖެހޭއިރު، ގޯއްޗަށް އެދި މާލޭގެ ރައްޔިތުންގެ އިތުރުން، މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ އަހަރުވެފައިވާ އެހެން ރަށްރަށުގެ މީހުންނަށްވެސް ކުރިމަތިލެވެ.
މި ފިޔަވަހީގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މާދަމާ 15:00ގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!