ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" ގެ ގްރޫޕް ބީގައި ލަޔަން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، ގްރޫޕް ބުރުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް އަންހެން ބައިގެ ފައިނަލުން ސީއެސް ވިމެންސް ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ސީއެސް ވިމެންސްއާއި ބީޗް ސިޓީ ވިމެންސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސީއެސް ވިމެންސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެސް ވިމެންސްގެ ޖޯޒީ ނަމްބަރ 8، ފާތިމަތު ޒާރާ އާދަމެވެ.

Ad
rt

ސީއެސް ވިމެންސް މި ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ކާމިޔާބު ކޮށް ހަ ޕޮއިންޓް ހޯދައި އަންހެން ބައިގެ ފައިނަލުން ޖާގަ ހޯދާފައެވެ. އަންހެން ބައިގެ ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ މި މަހުގެ ވިހި ވަނަ ދުވަހު ހަވީރު ބީޗް ސިޓީ ވިމެންސްއާއި ސަންދިޔާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. އަންހެން ބައިގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ހަވީރުއެވެ.

ފިރިހެން ކެޓަގަރީގައި އިއްޔެ ކުޅެފައި ވަނީ ގްރޫޕް ބީގެ މެޗެކެވެ. ލަޔަންއާއި ލެންޓާން އެފްސީ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ލަޔަންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލަޔަންގެ ޖޯޒީ ނަމްބަރ 17، އަލީ ހަސަން އެވެ.

ފިރިހެން ބައިގެ ގްރޫޕް ސްޓޭޖެގެ ބާކީ އޮތް ތިން މެޗު މިއަދު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ބީޗް ސިޓީއާއި ޒީރު ސްޕޯޓްސް އެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި އައްޓޯ އެފްސީއާއި ޔުނިޓީ އެފްސީ ބައްދަލުކުރާއިރު މިރޭ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ޖުވެނިސް އާއި ލަޔަން އެވެ. ފިރިހެން ބައިގެ ސެމީގެ ޖާގަތަށް ކަށަވަރުވެގެންދާނީ މި މެޗުތަކަށް ފަހުއެވެ. ފިރިހެން ބައިގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހު 21 ވަނަ ދުވަހުއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަހްލާގު އަށަގަންނަވައި ކުޅިވަރުގެ ރޫހު ދިރުވައި އެ ރަށުގައި މޮޅެތި ކުޅުންތެރިން އުފައްދައި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތު ހޯދައިދިނުމެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އޮންލައިން ނިއުސްއެވެ. މި މުބާރާތުގެ ހަބަރުތައް ތިލަދުން އިން ގެނެސްދޭނެއެވެ.