ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފިއެވެ.

އެ އިދާރާ އިން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ މިއަހަރުގެ އޯގަސްޓް 14 ވަނަ ދުވަހު ކަމަށެވެ. އަދި އެއީ ޕޯސްޓް މެދުވެރިކޮށް ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ކަމަށެވެ.

Ad
rt

މި މަސްތުވާތަކެތި ފެނިފައިވަނީ އެ ޕެކޭޖު ބަލައި ފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސް އަށް ޝައްކުކުރެވިގެން، އިތުރަށް ޗެކްކުރުމުގެ ތެރޭގައި ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އެގޮތުން ބަލައި ފާސްކުރެވުނު ޕެކޭޖުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 480.10 ގްރާމް ހުރި ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ.

އެ އިދާރާ އިން އިތުރަށް ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރެވިފައިވާ ކަމަށެވެ.