ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި މަޔޯކާ ބައްދަލުކުރި މެޗުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ފުޅާކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފިއެވެ. ރޭ ބާސާއާއި މަޔޯކާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއަށް ތިން ޕޮއިންޓްގެ ލީޑެއް ހޯދެން އޮތެވެ. މެޗު އެއްވަރުވުވުމުން މިވަގުތު ބާސާ ތާވަލުގެ އެއްވަނާގައި އޮތީ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެނެވެ. ދެވަނާގައި އޮތް ޖިރޯނާއަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު ތިންވަނާގައި އޮތް ރެއާލް މެޑްރިޑަށް ވަނީ ހަ މެޗުން 15 ޕޮއިންޓް ލިބިފައެވެ.

Ad
rt

މިރޭ ޖިރޯނާއާއި ވިޔަރެއާލް ބައްދަލުކުރާ މެޗުން ޖިރޯނާ މޮޅުވިޔަސް އަދި ތިންވަނާގައި އޮތް ރެއާލް މިރޭ ލަސް މަލްމަސް އަތުން މޮޅުވިޔަސް ބާސާއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލޭނެއެވެ.

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ މަޔޯކާއިންނެވެ. މި ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި ބާސާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސަންޗޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ވެޑާތު މުރިކީއެވެ. ނަމަވެސް މެޗުގެ 41 ވަނަ މިނެޓުގައި ރަފީނިއާ ވަނީ ލަނޑުޖަހައި ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ މަޔޯކާގެ އަބްޑޮން ވަނީ ލަނޑުޖަހައި އެ ޓީމަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދައިދީފައެވެ. ބާސާއިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 75 ވަނަ މިނެޓުގައެވެ. މި ލަނޑު ރަފީނިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ފާމިން ލޮޕޭޒްއެވެ.