ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމަލު ކުރެއްވީ ފައިސާގެ އަސްލު ގެއްލޭ ގޮތަށް ކަމަށާއި އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު، އެ މަނިކުފާނަށް ރިޝްވަތު ދިން ކަން ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

Ad
rt

ހައި ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ކުށްކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާއެއް އަމިއްލަ އެކައުންޓްތަކުގެ މެދުގައި ފައިސާ ދައުރު ކުރިޔަސް، މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވާނެ ކަމަށް އެމެރިކާގެ ކޯޓުތަކުން ނިންމާފައިވާ ކަމަށެވެ. ޔޫސުފް ނައީމް އަތުން ޔާމީނަށް ލިބިވަޑައިގަތް އެއް މިލިއަން ޑޮލަރު އެ މަނިކުފާނު ލޯންޑާ ކުރެއްވީ ސައްހަ ފައިސާއާ އެއްކޮށްގެން ކަމަށާއި އެއީ އެ ފައިސާގެ އަސްލު ގެއްލިދާނެ އަމަލުތަކެއް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި މަނީ ލޯންޑްރިންގެ ގާނޫނުގައިވާ ގޮތުން އަމިއްލަ އެކައުންޓްގައި ފައިސާ ދައުރު ނުކޮށް ބެހެއްޓިޔަސް، އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމާ މެދު ޝައްކު އުފެދޭ ހާލަތެއް އޮތް ނަމަ މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވާނެ އެވެ.

ދައުލަތުން ބުނީ ޔޫސުފް ނައީމަށް އެ ފައިސާ ލިބުނީ ކިހިނެތްތޯ އެއީ އެ މައްސަލާގައި ބަލަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ބަލަން ޖެހޭނީ ޔާމީނަށް އެ ފައިސާ ލިބިވަޑައިގަތީ ރިޝްވަތުގެ ގޮތުގައި ކަން ނުވަތަ ނޫންކަން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ޔާމީންގެ ވިދާޅުވީ މަނީ ލޯންޑްރިންއަކީ ފައިސާ ހުރި ތަނެއް ނޭނގޭ ގޮތަށް ނުވަތަ ގެއްލޭ ގޮތަށް އަމަލު ކުރުމުން ކަމަށާއި އެކަމަކު ރާއްޖޭގެ ބޭންކްތަކުގެ ތެރޭގައި ދައުރުވާ ފައިސާގެ މައުލޫމާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެނގޭނެ މައުލޫމާތެއް ކަމަށެވެ. އެހެންވެ، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމަކީ އަސްލު އޮޅުވާލުން ކަމަށް ނުބެލެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އަމިއްލަ އެކައުންޓްތަކުގެ ތެރޭގައި ފައިސާ ދައުރު ކުރާކުރުން މަނީ ލޯންޑްރިންގެ ކުށަކަށް ވާނީ އެކަމުގައި ގާނޫނީ ހިލާފު އެހެން ކަންތައްތަކެއް ހިމެނޭ ނަމަ ކަމަށެވެ.

އެ މައްސަލާގައި ދެން އޮންނާނީ ފަނޑިޔާރުންގެ ބެންޗުން ދެ ފަރާތަށް ސުވާލުތައް އަމާޒު ކުރުމެވެ.