ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތީ މަސައްކަތްތެރިންނަށް ދޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅައި، މިކަން ތަންފީޒުކުރާނެ ކަމުގެ ވައުދާއެކުއެވެ.
އެންމެ ދަށް ފެންވަރުގެ ވަޒީފާއެއް އަދާކުރާ މީހާއަށްވެސް ގާނޫނެއްގެ ދަށުން އެމީހާއަށް ލިބެންޖެހޭ އެންމެ ކުޑަ އުޖޫރަ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކަނޑައަޅާފައި ވެއެވެ.
ދިވެހިރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑަ އެޅުމުގެ ވާހަކަ އަކީ އަބަދުވެސް ދައްކަމުން އަންނަ ވާހަކަ އެކެވެ. ޙާއްސަކޮން ކޮންމެ އިންތިހާބަކާއި ދިމާކޮށް މިވާހަކަ އަކީ ވަރަށް ގަދައަށް ދައްކަމުން އަންނަ ވާހަކަ އެކެވެ. ކެންޕޭން ޕޯސްޓަރތަކުގައާއި އިންތިހާބީ ވަޢުދު ތަކުގެ ތެރޭގައި ދެކެވޭ އެއް ވައުދެވެ.
އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖްގެ އިންތިޒާރުގައި ތިބި އެއްބަޔަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތުގައި މަސައްކަތް ކުރާ ރިސޯޓް މުވައްޒަފުންނެވެ. މިކަމަށް އެންމެ އާދޭސްކޮށް ވަކާލާތު ކުރާ ބަޔަކީވެސް ރިސޯޓު މުވައްޒަފުންނެވެ. އިންތިހާބު ދުވަސްވަރު ރިސޯޓު މުވައްޒަފުންގެ ކައިރީ އެންމެ ހިނގާ ވައުދަކީވެސް މިވަޢުދުވެ. މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި މިސަރުކާރަށް ބޮޑު އަގުލަބިއްޔަތެއް ރިސޯޓުތަކުން ދިން އެންމެ ބޮޑު އެއްސަބަބަކީވެސް މިކަމެވެ. ރިސޯޓުތަކުގައި ހުރި ބޮޑެތި މައްސަލަ ތަކާއި ތަފާތުކުރުންތަކާއި ސާވިސް ޗާޖުން މަކަރު ހެދުމާއި ދިވެހިންނާއި ބޭރު މީހުންގެ މެދުގައި އޮތް ތަފާތުކުރުން ނައްތާލައި އަނބިދަރިން ކައިރީ ހޭދަކުރެވޭ ވަގުތު އިތުރުވެގެން ދިއުމަކީވެސް ކުރަމުންއައި އުންމީދުތަކެވެ.
މިނިމަމް ވޭޖް އަށް ރިސޯޓް މުވައްޒަފުން ޑިމާންޑް ކުރާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އެގޮތުން ބިދޭސީންނާއި ދިވެހި މުވައްޒަފުންގެ މެދުގައި މުސާރައިގެ ތަފާތުކުރުން ގެންގުޅުމާއި ރިސޯޓު ތަކަކީ އެންމެ ގިނަ ފައިސާ ދިވެހި ދަޢުލަތައް ވައްދާ އެއް ސިނާއަތައް ވެފައި މުވައްޒަފުންގެ މުސާރަ ބޮޑު ތަނުން ކުޑަ ކަމީވެސް މިކަމުގެ ސަބަބެކެވެ.
މިސަރުކާރަށް މާގިނަ ދުވަސްތަކެއްނުވެ މިނިމަމް ވޭޖް ކަނޑައަޅަން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ ބުރަ މަަސައްކަތް ވަނީ ފަށާފައެވެ. މިކަމަށް ޚާއްސަކޮށް ބޯޑެއް އެކުލަވާލިއެވެ. މި ބޯޑުގެ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ޖޫންމަހުގެ 20 ވަނަ ދުވަހުއެވެ. މި ބޯޑު މަސައްކަތް ފެށުމާއެކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ މިނިމަމް ވޭޖް ކަނޑައެޅުމުގައި ކުރަންޖެހޭ ދިރާސާތައް ކޮށް މިނިމަމް ވޭޖް ކަނޑައަޅައި، ޑިސެމްބަރު މަހުގެ ތެރޭގައި އެކަމާ ގުޅޭ ބިލް މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުން މި ބިލް ފާސްވުމާއެކު އަންނަ އަހަރުގެ ކުރީކޮޅު މިނިމަމް ވޭޖް ކަނޑައެޅިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
އެހެންކަމުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ ބޯޑުން ޑިސެމްބަރު މަހަށް މި ބިލްގެ މަސައްކަތްތައް ނިންމައި، މި ބިލް ފާސްކުރަން ގިނަ ބުރަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީތަކުގައާއި، އެކި މުއައްސަސާތަކާ ބައްދަލުކޮށް މިކަމާ ގުޅޭ މަޝްވަރާތައް ކޮށްފައި ވެއެވެ.
އެހެންނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ނިންމާލުމަށްފަހު ޑިސެމްބަރު 7 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ވަޑައިގަތް އިރުވެސް މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު މަޖިލީހަށް ހުށައެޅިފައެއް ނުވެއެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅުމަށް ދިރާސާކުރުމަށް އެކުލަވާލާފައިވާ ބޯޑުގެ މަސައްކަތްތައް ވެސް ނިމިފައެއް ނުވެއެވެ.
ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނޫސަވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ މަޖިލީހުގެ ދެވަނަ ދައުރު މިނިމަމް ވޭޖްއާއި ގުޅޭ ބިލު މަޖިލީހަށް ހުށަހަޅައި، ހަމަ އެ ދައުރުގައި ބިލުގެ މަސައްކަތް ނިންމާނެ ކަމަށެވެ.
”ހަމަ އެގޮތަށް، މިނިމަމް ވޭޖްގެ ބިލު، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅައި ފާސްކުރާނަން“
ރައީސް ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މިމަސައްކަތް މިހާރު އޮތީ ނިމުމުގެ މަރުހަލާގައެވެ. ސަރުކާރުން ވެފައިވާ މިވައުދު ފުއްދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެކި މަރުހަލާގައި ކުރެވިފައި ހުރިކަމީ ގަބޫލުކުރަނަޖެހޭ ކަމެކެވެ.
ދެން އެންމެ އަވަހަށް ވެސް މިނިމަމް ވޭޖުގެ ބިލު މަޖިލީހަށް ހުށަހެޅޭނީ އަންނަ އަހަރުގެ ފުރަތަމަ ދައުރުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަހަރުގެ މަސައްކަތް ނިންމަވައި ޗުއްޓީއަށް ވަޑައިގެންފައިވާއިރު އަންނަ އަހަރުގެ ޖަލްސާތައް ދެން ފެށޭނީ އަންނަ ފެބްރުއަރީ މަހުއެވެ.
ސަރުކާރުގެ ވައުދަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ ކުރިން މިނިމަމް ވޭޖްގެ ބިލް މަޖިލީހަށް ހުށައެޅުމެވެ. މި ވައުދާއެކު އަންނަ އަހަރުގެ ކުރީކޮޅު މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމުގެ ހުވަފެން ގިނަ ރައްޔިތުން ހާއްސަކޮން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިން އައީ ދެކެމުންނެވެ.
އެހެންނަމަވެސް މިއަދާ ހަމައަށް ވެސް މަޖިލީހަށް ބިލު ހުށަނޭޅި އޮތުމުން އަންނަ އަހަރު ކުރީކޮޅު ވެސް މިނިމަމް ވޭޖް ކަނޑައެޅިދާނެ ކަމާމެދު ބައެއް މީހުން ސުވާލު އުފައްދައެވެ.




ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!