މި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނައުމަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ހދ. ނޮޅިވަރަމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އިތުރު ފުރުސަތެއް ދީގެން ކަމަށާއި އެހެން ބަޔަކު ވެރިކަމަށް އައިސްފި ނަމަ، އެ ބަދަލު ގެނައުން ހުއްޓުވުމުގެ ބިރު އޮންނާނެ ކަމަށެވެ.

Ad
rt

އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް، ބޮޑުތިލަދުންމައްޗަށް އޮތީ މިހާރަށްވުރެ ބޮޑު އިގުތިސާދީ ޕްލޭނެއްކަން ފާހަގަކުރައްވައި ވިދާޅުވީ މަސައްކަތް މިކުރަނީ 1.5 މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ގޮތަށް އެއާޕޯޓު ތަރައްގީކުރުމަށް ކަމަށެވެ. އެކަމުގެ ސަބަބުން ޓޫރިޒަމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، އެންމެ އިސްކަމެއް ދޭނެ އެއް ރަށަކަށް ނޮޅިވަރަމް ވެގެންދާނެ ކަމަށާއި އެ ރަށުގެ ބޮޑެތި މަގުތައް ތާރުއަޅައި ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރުމާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމާއި ސިއްހީ މަރުކަޒުން ހޮސްޕިޓަލު ފެންވަރުގެ ހިދުމަތްދޭ ގޮތަށް ހެދުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ސާލިހު ވިދާޅުވީ އެރަށުގެ ޕޮލިސް ސްޓޭޝަން ގެ އާ އިމާރާތް ނިމުމާއެކު ފުލުހުން އިތުރުކޮށް، ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށެވެ.

ކުރިއަށް އޮތް ވޯޓަކީ ރާއްޖޭގެ ތަސައްވަރާ ގުޅިފައިވާ ވޯޓެއް ކަމަށާއި އަނެއްކާ ވެސް ކުރިން އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނާމާން ކަމަށް ގޮސްދާނެކަމުގެ ބިރު އޮތުމުން ވިސްނުންތެރިކަމާ އެކު ވޯޓު ދޭން ޖެހޭ ކަމަށް ވެސް ސާލިހު ވިދާޅުވިއެވެ.