ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންއައި ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ، އެ ކުލަބް ދޫކޮށް ސައުދީ ލީގުގެ އަލް ހިލާލްއަށް ސޮއިކޮށްފިއެވެ.
އުމުރުން 31 އަހަރުގެ ނޭމާ އަލް ހިލާލަށް ބަދަލުވެފައި މި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 90 މިލިއަން ޔޫރޯގެ ޓްރާންސްފާފީއެއްގެ ދަށުންނެވެ.
އަލް ހިލާލަށް ބަދަލުވުމަށް ފަހު ނޭމާ ބުނީ ޔޫރަޕުގައި ހޭދަކުރެވުނު ހާއްސަ ދުވަސްތަކުގައި ގިނަ ކަންތައްތަކެއް ހާސިލް ކުރެވިފައިވާ ކަމަށާއި އަބަދުވެސް އައު ޗެލެންޖްތަކާއި ކުރިމަތިލައި ތަފާތު ލީގުތަކުގައި ކުޅެން ބޭނުންވާ ކަމަށެވެ.
ނޭމާ ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި ދާދިފަހުން އެ ޓީމްގެ ކޯޗުކަމާއި ހަވާލުވި ލުއިސް އެންރީކޭ ޕްލޭނުގައި އޭނާ ނެތުން ހިމެނެއެވެ. އަދި އަނިޔާގެ މައްސަލަތައް އިތުރުވުމާއި ޕީއެސްޖީގައި ނޭމާއަށް ސަޕޯޓަރުން ހިތްހަމަޖެހޭފަދަ ކުޅުމެއް ނުދެއްކޭތީ ސަޕޯޓަރުންނާއި ނޭމާއާއި ދެމެދު އޮތް ގުޅުން ރަނގަޅު ނުވުން ހިމެނެއެވެ.
ނޭމާގެ އިތުރުން މި ޓްރާންސްފާ މާކެޓްގައި މެސީ ވެސް ވަނީ ޕީއެސްޖީ ދޫކޮށް އެމެރިކާގެ އިންޓަ މިއާމީއަށް ބަދަލުވެފައެވެ. މެސީ ޕީއެސްޖީ ދޫކޮށްލި ސަބަބުތަކުގެ ތެރޭ އޭނާއާއި ސަޕޯޓަރުންނާއި ދެމެދު އޮތް ނުތަނަވަސް ކަން ހިމެނެއެވެ.
ނޭމާ ސްޕެއިންގެ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ 2017 ވަނަ އަހަރުއެވެ. އޭނާ ޕީއެސްޖީއަށް ބަދަލުވީ އޭރުގެ ރެކޯޑް ފީއެއްކަމަށްވާ 200 މިލިއަން ޕައުންޑަށެވެ.
ނޭމާ ވަނީ ޕީއެސްޖީއަށް 173 މެޗު ކުޅެ 118 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ ޕީއެސްޖީއާއިއެކު 13 ތައްޓެއް ކާމިޔާބު ކޮށްފައެވެ. ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް 2020 ވަނަ އަހަރު ނޭމާ ވަނީ ޕީއެސްޖީއާއިއެކު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ.
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖަނަވަރީ މަހު ސައުދީ ލީގަށް ބަދަލުވީ ފަހުން މި ޓްރާންސްފާ މާކެޓްގައި ޔޫރަޕްގައި ކުޅެމުންއައި ހައި ޕްރޮފައިލް ގިނަ ކުޅުންތެރިންތަކެއް ވަނީ ސައުދީ ލީގަށް ބަދަލުވެފައެވެ.
އެ ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާ، ޗެލްސީގެ މިޑްފީލްޑަރ އެންގޯލޯ ކަންޓޭ، ވުލްވްސްގެ ކްޕެޓަން ރުބެން ނެވޭސް، ޗެލްސީގެ ޑިފެންޑަރ ކަލިދޫ ކުލިބާލީ، ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ފަދަ ކުޅުންތެރިން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!