ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ 1989 ޖަމިއްޔާ އެއް އުވާލުމުގެ ކުރިން އެ ޖަމިއްޔާތައް އުވާލުން ހުއްޓުވައިދިނުމަށް އެދުމުގެ ފުރުސަތުދީ އެކަން ޢާންމުކޮށް ޢިއުލާންކޮށްފިއެވެ.
މިކަމާއިގުޅިގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ޖަމްޢިއްޔާތަކަކީ އެޖަމްޢިއްޔާއެއް ނިސްބަތްވާ ރަށާއި، އަތޮޅަށް އަދި މުޅި ޤައުމަށް ނުހަނު ފައިދާހުރި އަގުހުރި މަސައްކަތްތަކެއް ހިލޭސާބަހަށް ކުރަމުންގެންދާ ފަރާތްތަކެއްކަން އެ މިނިސްޓްރީން ޝުކުރުވެރި ކަމާއެކު ފާހަގަކުރާ ކަމަށެވެ.
ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން އިންއެކްޓިވް ޖަމްޢިއްޔާތަކުން ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި އިތުރު ފުރުޞަތެއް ދިނުމަށް 14 ޑިސެންބަރ 2022 ގައި އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނާއި ޙަވާލާދީ އެ ޢިއުލާނުގައި ބުނެފައި ވަނީ އެ ޢިއުލާނާއެކު ނަން އާންމުކޮށްފައިވާ 1989 ޖަމްޢިއްޔާއަކީ، 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި/ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ, އުވާލުމަށްޓަކައި ލިސްޓް ކުރެވިފައިވާ ޖަމްޢިއްޔާތަކެއް ކަމަށެވެ.
''މި ޖަމްޢިއްޔާތަކުގެ ތެރެއިން އެ ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު ގައިވާ ގޮތުގެ މަތިން އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އޮތްކަމުގައި ދަންނަވަމެވެ.'' ޔޫތު މިނިސްޓްރީގެ ޢިއުލާންގައި ވެއެވެ.
މިފުރުސަތުގެ ދަށުން ހުށަހަޅާ ލިޔުންތައް މެއިލް ކުރަން ޖެހެނީ cso@youth.gov.mv އަށެވެ.
ޔޫތު މިނިސްޓްރީގެ ޢިއުލާނުގައި ބުނެފައި ވަނީ 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އެ ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަނާޅާ ޖަމްޢިއްޔާތައް، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރީން އެ ޖަމްޢިއްޔާގެ ނަން އުނިކުރެވޭނެ ކަމަށެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 3330808 ނަމްބަރ ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް ކުރުމަށް ޔޫތު މިނިސްޓްރީގެ ޢިއުލާންގައި ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!