ސެޕްޓެމްބަރު 9 ގައި ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ކެމްޕެއިންގެ ތެރެއިން މާލޭގައި "ދޮރުން ދޮރަށް" ހަރަކާތް މިއަދު ފަށައިފިއެވެ.
ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި އެކަމަށްޓަކައި ބޭއްވި ހަފުލާގައި ޖޭޕީއަށް ނިސްބަވެވަޑައިގަންނަވާ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއި ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ ބައިވެެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވިދާޅުވީ މޮޅުކަމަކަށް ވާނީ ވިސްނުންތެރިކަމާއިއެކު ކަމެއް ކުރީމާ ކަމަށާއި ކޮންމެ ކަމެއްގައި އިސްނެގުމަކީ މޮޅުވުމެއް ނޫން ކަމަށެވެ. އަދި މިއަހަރުގެ އިންތިހާބު ޖޭޕީން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެެވެ.
ޖޭޕީގެ ރިޔާސީ ކެމްޕޭންގެ ޑޯޓުޑޯ ބޮޑު ހަރަކާތް މާލޭގައި ފެށުމުގެ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ޖޭޕީ
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ވިދާޅުވީ މާލޭގައި މިހަރަކާތް ފެށުމުގެ ކުރިން އަތޮޅުތެރޭގެ އެކިކަންކޮޅުތަކުގައި އެޕާޓީގެ ވޮލެންޓިއަރުން ޑޯޓުޑޯ ހަރަކާތްތަކާއި ކެމްޕެއިން ބައްދަލުވުންތައް ކުރިއަށްގެންގޮސްފައިވާ ކަމަށާއި އޭނާއާ ބައްދަލުވި ގިނަ މީހުން އިއްތިފާގުވާ އެއްކަމެއް އެބައޮތް ކަމަށެވެ.
"އެއީ އެއިން ކޮންމެ މީހަކުވެސް ބޭނުންވަނީ މިހާރު މިއޮތް ސަރުކާރު ބަދަލުކުރަން. އެނޫން ގޮތަކަށް މިހާރު މިއޮތް ހާސްކަން ފިލަން ނެތް ކަމަށް އެމީހުން ބުނަނީ. ވަރަށް ގިނަ ކަންކަން ހަމަނުޖެހި ހުރިކަން އެފަރާތްތަކުން ވަނީ ބުނެފަ. އެމީހުން ބުނަނީ އެކަންކަން ހަމަޖެހޭނީ ގާސިމް އިބްރާހީމް ރާއްޖޭގެ ވެރިކަމަށް އިންތިހާބުކޮށްގެންނޭ." ސައުދު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގަތުމަށްފަހު، ގާސިމް ވިދާޅުވެފައިވަނީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައި ކަމަށެވެ.
ގާސިމް އިބްރާހީމްވަނީ އެއްވެސް މީހަކު ބާކީ ނުކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!