ހއ. އިހަވަންދޫގެ ޢުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރިޔަށްގެންދިޔަ ހަތަރު މަޝްރޫޢުއެއް އިއްޔެ އިފްތިތާޙްކޮށްފިއެވެ.

މި މަޝްރޫޢުތައް އިފްތިތާޙްކޮށް ދެއްވީ ރައީސް އިބްްރާޙީމް މުޙައްމަދު ޞާލިޙް އިއްޔެ ހއ. އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުގެތެރެއިން އެމަނިކުފާނެވެ.

Ad
rt

މިގޮތުން ރައީސް ޞާލިޙް ވަނީ އިހަވަންދޫގެ ބަނދަރާއި، ފެނަކަ އޮފީހާއި، އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ އިތުރުން އެރަށުގެ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވާފައެވެ.

އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ހުޅުއްވައިދެއްވި އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީންނެވެ.

މި މިމަޝްރޫގެ ދަށުން، އިހަވަންދޫ ބަނދަރު ފުޅާކޮށް، 251 މީޓަރުގެ ބޭރުތޮށިލައި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާފައިވެއެވެ. އަދި ބޭރުތޮއްޓަށް އެރުމަށްޓަކައި ބުރިޖެއް ހެދުމުގެ އިތުރުން، 121 އަކަމީޓަރުގެ ރޭމްޕެއް ބަނދަރުގައި ވަނީ ހަދާފައެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ނެރު ބައްތި އާ ބަނދަރު ބައްތި ޖަހައި، ޕޭވްމެންޓް ވަނީ ހަދާފައެވެ.

އިހަވަންދޫގައި އިއްޔެ ހުޅުވި އެރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ވެސް ކޮށްފައި ވަނީ އެމްޓީސީސީންނެވެ.

އިއްޔެ ރައީސް ހުޅުއްވައިދެއްވި އިހަވަންދޫ ފެނަކަ އޮފީސް ޢިމާރާތަކީ، އެއްފަހަރާ 50 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް އޮފީސް ޢިމާރާތެކެވެ.

މީގެ އިތުރުން ޓޫއޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން އިހަވަންދޫގައި ތަރައްގީ ކުރި ކޮމިއުނިޓީ ސެންޓަރަކީ ކުޅިވަރު ކުޅުމުގެ އިތުރުން، ޖަމުއިއްޔާތަކަށް މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ސެންޓަރެކެވެ.

ރައީސް ހއ. އަތޮޅަށް ފެއްޓެވި ދަތުރުގައި އިއްޔެ އިހަވަންދޫއަށް ވަޑައިގެން ރޭ އެރަށުގައި ވަނީ ކެމްޕޭން ޖަލްސާއެއް ވެސް ކުރިއަށް ގެންދަވާފައެވެ.