އިތުރު ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، މުލީގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށް މިހާރުގެ ރައީސް އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މ. އަތޮޅާއި ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެ އިތުރުން މުލީ ހޮސްޕިޓަލްގެ މަޝްރޫއު ވަނީ މިހާރު ޓެންޑާ އަށް ހުޅުވާލެވިފައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި އަލަށް ހެދޭ ހޮސްޕިޓަލާ އެކު މުލީގައި ރީހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެރަށުގައި މިހާރު ފަށައިގެން ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށް މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށާއި އެ މަޝްރޫއުތައް ނިމުމުން، ތަރައްގީގެ އެހެނިގެން މަޝްރޫއުތައް ފަށާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވަނީ މ. އަތޮޅު އެއާޕޯޓު އެ މަޝްރޫއުގެ 70 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށާއި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އެއާޕޯޓު ހުޅުވައި ފްލައިޓު ޖެއްސޭ ވަރު ކުރުން ކަމަށް ވިދާޅުވެފައެވެ. އަދި މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުން، އެކަމުގެ ސަބަބުން ނާލާފުށީ މީހުންނަށް ހިދުމަތް ހޯދުމަށް ފަސޭހަވެ، ހަރަދުތައް ކުޑަވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މުލީގެ އުމްރާނީ މަސައްކަތްތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ދެން އޮތީ އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް މި ގެނެވެނީ ބޮޑު ބަދަލެއް ކަމަށާއި ނަތީޖާއަކަށް ވާނީ ރާއްޖޭގެ އިގްތިސޯދާއި ދައުލަތަށް ލިބޭ އާމްދަނީ ދެ ގުނައަށް މައްޗަށް ޖެހި، އާންމުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ހަލުވިވެ، ފުދުންތެރިވެގެން ދިއުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގައުމު އޮތް ހާލަތާ އަޅާ ބަލާއިރު، މި ވެރިކަމުގައި ހެޔޮ ބަދަލުތަކެއް ގެނެވިއްޖެކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލުމުގެ ކުރިން މިފަދަ ކަންކަމާ މެދު ވިސްނުމަށް މުލީ ރއްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!