ހއ. އިހަވަންދޫ ސްކޫލް ކޮލެޖަކަށް ބަދަލުކޮށް ޔުނިވާސިޓީއެއްގެ ފެންވަރުގައި ކިޔަވައިދެއްވާނެ ކަމުގެ ވައުދާއެކު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގިނަ ވައުދުތަކެއް އެރަށަށް ވެވަޑައިގެންފިއެވެ.

އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހާރު ގެންދަވަނީ ކެމްޕޭނަށް ބޮޑު ތިލަދުން މައްޗަށް ދަތުރު ކުރައްވަމުންނެވެ. މިގޮތުން އިއްޔެ ނާޒިމް ވަނީ ހއ.ގެ ބައެއް ރަށްތަކަށް ދަތުރުކުރައްވާފައެވެ.

Ad
rt

މިގޮތުން އުތީމު، ތަކަންދޫ އަދި މާރަންދޫ އަށް ފަހު އިއްޔެ ހަވީރު ނާޒިމް އިހަވަންދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ އޭނާ އަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ރޭ އިހަވަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ނާޒިމް ވަނީ އެރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އޭގެ ތެރޭގައި އެރަށުގައި ފައިބަރ މަސައްކަތް ކުރުމުން ދިމާވާ ސިއްހީ މައްސަލަތަކަށް ހައްލު ހޯދައިދީ، ކުނި ގޮނޑު ބަދަލުކޮށް، ފަތުރުވެރިކަމުގެ މަސައްކަތަށް އެރަށު މީހުންނަށް ދިގުފަރު ހިއްކައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގެ މަގުތައް ހެދުން އެދެވޭގޮތެއްގައި ކުރިއަށް ނުދާކަމަށާއި، އޭނާގެ ސަރުކާރެއްގައި ތާރުއަޅައިގެން އެރަށު މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

''އިހަވަންދޫ ސްކޫލް މިއަދު އޮތް ހާލަތު ތިބޭފުޅުން ވިސްނަވާ، އަޅުގަނޑުގެ ވިސްނުމަކީ އިރާދަކުރެއްވިއްޔާ އިހަވަންދޫ ސްކޫލް މިއަށްވުރެ ފެންވަރު ރަނގަޅު ސްކޫލަކަށް ބަދަލު ކުރުން، އިތުރު ކްލާސްރޫމްތައް އިތުރު ކުރާނަން، ހޯލްތައް އަޅައި، ކޮލެޖަކަށް ބަދަލުކޮށް ޔުނިވާސިޓީ ފެންވަރަށް ބަދަލުކުރާނެ ވާހަކަ ދައްނަވާލަން'' އެރަށު ސްކޫލާއި ގުޅޭގޮތުން ދެއްކެވި ވާހަކާގައި ނާޒިމް ރޭ ވިދާޅުވެފަވެއެވެ.

މީގެ އިތުރުން، އޭނާގެ ސަރުކާރެއްގައި ގޯތި ނޫނީ ގެވަޅު ލިބިފައިވާ މީހަކު ބޭންކްއަށް ދިއުމުން، ލުއި ގޮތަކަށް އެ ގެ ހެދޭނެ ހަމަޖައްސާދޭނެ ކަަމަށްވެސް ވިދާޅުވިއެވެ. އަދި އެރަށުގައި ބޭންކްގެ ޚިދުމަތް ރަނގަޅުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިހަވަންދޫއަށް ފަހު ނާޒިމް މިހާރު ހުންނެވީ ހޯރަފުށީގައެވެ. އެރަށުން ވެސް އޭނާ އަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައިކަމަށް އެމްއެންޕީން ބުނެއެވެ.