ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް މާލެ ވަޑައިގެންފިއެވެ.
މިއަހަރުގެ އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގެންނެވި ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، ނައިބު ރައީސް މާލެ ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުން ރާއްޖެ އަންނަންފަށާނީ މި ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ހަ ފްލައިޓެއްގައެވެ.
އެގޮތުން ފުރަތަމަ ދެ ފްލައިޓް ހުކުރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހު އަންނާނީ އަލްމަނާސިކާއި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިންގެ ގްރޫޕެވެ.
ޖުލައި 10 ވަނަ ދުވަހު ވެސް އަންނާނީ ހައްޖު ކޯޕަރޭޝަނުން ހައްޖަށް ގެންދިޔަ ބަޔެކެވެ. ޖުލައި 11 ވަނަ ދުވަހު އަންނާނީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ހަވާލުގައި ދިޔަ މީހުންނެވެ. ޖުލައި 12 ވަނަ ދުވަހު އަންނާނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ހަވާލުގައި ދިޔަ މީހުންނެވެ. ޖުލައި 14 ގައި އަންނާނީ ޙައްޖު ކޯރޕަރޭޝަންގެ ހަވާލުގައި ގެންދިޔަ ހައްޖުވެރީންނެވެ.
ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކޮށް ދަތުރުތައް ސަރުކާރުން ހަމަޖައްސަމުން އަންނައިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސައެެވެ.
ހައްޖު ކޯޕަރޭޝަންގެ ފަރާތުން 870 ހައްޖުވެރިންނާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިންނާއި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން މިއަހަރު ރާއްޖެއިން ހައްޖަށް ދިޔައެވެ. އަދި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން ވެސް ދިޔައެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން 3 މީހަކު ވަނީ ނިޔާވެފައެވެ. އެއީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަން އާއި ރ. މާކުރަތު މުހައްމަދު ނަސީމް އަލީ އާއި ނ. ހޮޅުދޫ، އުދަރެސް ގާސިމް އިބްރާހީމް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!