މިއަހަރުގެ އަޟުހާ އީދު ނަމާދު މާލޭގައި ބޮޑު ޖަމާއަތުގައި ކުރާ ސަރަހައްދުތައް ބަންދު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމަވައިފިއެވެ.

އެ އިދާރާއިން ވިދާޅުވީ މާދަމާ ހެނދުނު 6 ން 8:30 އަށް ބޮޑު ޖަމާއަތުގައި ނަމާދުކުރާ ސަރަހައްދުތަކުން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން އެ ސަރަހައްދުތައް އަންގައިދޭ ޗާޓެއް ނެރުއްވާފައިވާއިރު، އެ ޗާޓުގައި ފިިރިހެނުންނަށް ހާއްސަ ސަރަހައްދާއި އަންހެނުންނަށް ހާއްސަ ސަރަހައްދާއި ވެހިކަލް ޕާކު ކުރެވޭނެ ސަރަހައްދާއި ޕާކު ނުކުރެވޭނެ ސަރަހައްދު ވެސް ފާހަގަކުރައްވާފައި ވެއެވެ.

މީގެ އިތުރުން 4 ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭ ސަރަހައްދުތަކާއި އީދު ނަމާދަށްދާ މީހުންނަށް ޕާކު ކުރެވޭ ސަރަހައްދުތައް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ނިންމާފައިވަނީ މާފަންނު ސްޓޭޑިއަމާއި އިސްލާމީ މަރުކަޒާއި މައިދާން ސަރަހައްދާއި ސަލްމާން މިސްކިތާއި ވަށައިގެންވާ ސަރަހައްދާއި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމް އަދި ވިލިމާލެ ފުޓްބޯޅަ ދަނޑުގައެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި 25 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު، އޭގެތެރޭގައި މާލޭގެ 17 މިސްކިތް، ހުޅުމާލޭ ފޭސް 1ގެ 3 މިސްކިތް، ފޭސް 2ގެ 2 މިސްކިތް އަދި ހުޅުލޭގެ 2 މިސްކިތުގެ އިތުރުން ވިލިމާލޭގެ މިސްކިތެއް ހިމެނެއެވެ.