އަބޫ ދާބީގެ މައި އެއާލައިން ކަމަށްވާ އިއްތިހާދު އެއާވޭޒްއިން ރާއްޖެ އަށް ކުރާ ދަތުރުތަކުގައި އެންމެ ފަހުގެ ބޯއިން 787 ޑްރީމްލައިނާ މަތިންދާބޯޓު ބޭނުންކުރަން ފަށައިފި އެވެ.

އިއްތިހާދު އެއާވޭޒްއިން ޓެކްނޮލޮޖީގެ ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަތިންދާބޯޓު ކަމަށްވާ 787 ޑްރީމްލައިނާ ބޭނުންކުރަނީ އަބޫ ދާބީން ހެނދުނު ފުރައިގެން މާލެ އަންނަ ފްލައިޓުގަ އެވެ. އެގޮތުން، ދުވާލަކު އެއް ފަހަރު އޮންނަ މި ދަތުރުގައި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 787 ޑްރީމްލައިނާ ބޯޓު ބޭނުންކުރާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Ad
rt

އެމެރިކާގެ ބޯއިން ކުންފުނިން އުފައްދާ 787 ޑްރީމްލައިނާ އަކީ ތެލުގެ ހަރަދު ވަރަށް ކުޑަ އަދި އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ތަކެތި ބޭނުންކޮށްގެން އުފައްދާފައިވާ ބޯޓެކެވެ. އިއްތިހާދު އެއާވޭޒް އިން އޮޕަރޭޓްކުރާ 787 ޑްރީމްލައިނާގެ ބޯޓުތަކުގައި 299 ސީޓު ހުންނައިރު، އޭގެ ތެރޭގައި ހިމެނެނީ 271 އިކޮނޮމީ ކްލާސް ސީޓާއި 28 ބިޒްނަސް ކްލާސް ސީޓެވެ.

އިއްތިހާދު އެއާވޭޒް އިން ރާއްޖެ އަށް ފުރަތަމަ ދަތުރުތައް 2011 ވަނަ އަހަރު ނޮވެމްބަރ މަހުގެ ތެރޭގައި ފަށާފައިވާއިރު އެ އެއާލައިނުން ރާއްޖެ އަށް މިހާރު ހަފްތާ އަކު ޖުމްލަ 11 ދަތުރު ކުރެ އެވެ.

މީގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ބޮޑެތި އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ކުރަމުންދާއިރު 787 ޑްރީމްލައިނާ ބޭނުންކުރާ ނުވަތަ ބޭނުންކުރަން ފަށަން ނިންމާފައިވާ އެއާލައިންތަކުގެ ތެރޭގައި ސިންގަޕޯ އެއާލައިންސް، އެއާ ފްރާންސް އަދި އިޓަލީގެ ނިއޯސް ހިމެނެ އެވެ.