ކުދިންގެ ކިބައިން ފެންނަން އެދޭ ރަނގަޅު ބަދަލުތައް ފެންނާނީ ރަނގަޅު ނަމޫނާ ދައްކައިގެން ކަމުގައި ފަސްޓްލޭޑީ މެޑަމް ފަޒުނާ އަހްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލްގެ ދަސްވެނިވުން 2022-2023ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވި މި ހަފުލާގައި ފަޒުނާ ވަނީ ކުޑަކުދިންނަކީ އިޙްސާންތެރި ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ކުދިންގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ކުދިންނަށް ރަނގަޅު ނަމޫނާ ދައްކައިދޭ ބަޔަކަށް ވެދެއްވުމަށް އެދިވަދައިގެންފައެވެ.
މީގެ އިތުރުން ދީނީ ކަންކަމާއި އެކަކު އަނެކަކާ މުއާމަލާތުކުރުމުގައާއި ސިއްހީ ކަންކަމާއި ޓްރެފިކްގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައި ވެސް ނަމޫނާ ދައްކަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ތިމާވެށްޓަށް އިސްކަންދޭ މިންވަރުފަދަ ދިރިއުޅުމުގެ މިފަދަ ކޮންމެކަމެއްގައި ވެސް ކުޑަކުދިންނަށް ރަނގަޅު ނަމޫނާ ދައްކައިދެވިގެން ނޫނީ ކުދިންގެ ކިބައިން ފެންނަން އެދޭ ރަނގަޅު ބަދަލުތައް ފެނިގެން ނުދާނެކަން ފާހަގަކުރެއްވިއެވެ.
ފަޒުނާ ވަނީ ކުއްޖާ ރަނގަޅު ޝަޙުސިއްޔަތެއްގެ ގޮތުގައި ހެދިބޮޑުވުމަށް ސްކޫލާއި ބެލެނިވެރިންގެ އިތުރުން ކުދިންގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން ވެސް ރަނގަޅު ނަމޫނާ ދައްކުވައިދޭންޖެހޭކަން ފާހަގަކުރައްވާފައެވެ.
ހުރިހާ ދިމާއަކަށް ވެސް ސަމާލުކަންދޭންޖެހޭކަން ފާހަގަކުރައްވައި، ފަޒުނާ ވަނީ ސްކޫލްތަކުގައި ބާއްވާ ހަފުލާތަކުގައިވިޔަސް ބެލެނިވެރިން ކުދިންނަށް ދޭ ކާނާގައި ވެސް ފައިދާހުރި ރަނގަޅު ކާނާ ހިމެނުންފަދަ ކަންކަމުގައި ނަމޫނާ ދެއްކުމަށް އެދިވަޑައިގެންފައެވެ. އަދި ތިމާވެށީގެ ދުވަހު ތަންތަން ސާފުކުރަންއުޅުމާއި އާތްޑޭ ގައި ހަމައެކަނި ބޮކި ނިންވާލާ ކަރަންޓް އިސްރާފުވުން ކުޑަކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އެކަންކަމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުންފަދަ ކަންކަމަށް ހާއްސަ ސަމާލުކަންދޭންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އިންކްލޫސިވް އެޑިއުކޭޝަން، ވީ އެންމެ ފުޅާދާއިރާއެއްގައި ސްކޫލުތަކުގައި ކުރިޔަށް ގެންދިއުމުގައި ސްކޫލްތަކާއި ބެލެނިވެރިން އެއްބާރުލުން ދެއްވުމަށް ވެސް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
މި ޖަލްސާގައި މެޑަމް ފަޒުނާ ވަނީ އެސްކޫލުން މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން އެސް.ކޭ.ޖީ 9، 10 އަދި 11ގެ ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިއުން ހަވާލުކޮށްދެއްވާފައެވެ.
ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލުން މިއަހަރު 243 ދަރިވަރުން ދަސްވެނިވެ ޓްރޮފީއާ ސެޓްފިކެޓް ހާޞިލުކޮށްފައިވެއެވެ.
ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލަކީ އައިލެންޑާސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ 1000އަށްވުރެ ގިނަ ކުދިން ކިޔވަމުން އަންނަ ޕްރީ ސްކޫލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!