ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މަސައްކަތްތެރިން އުޅެނީ ވަރަށް ހާލުގައި ކަމަށާއި ގިނަ މީހުންނަށް މުސާރަ ނުދޭއިރު ތަފާތު އަނިޔާތަކާ ކުރިމަތިވާ ކަމަށް އެ ގައުމުގެ ރެފިއުޖީ އެންޑް މައިގްރޭޓަރީ މޫވްމަންޓްސް ރިސާޗް ޔުނިޓް (އާރުއެމްއެމްއާރުޔޫ) އިން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
އާރުއެމްއެމްއާރުޔޫއިން ސާވޭ ކުރީ ރާއްޖޭގައި މިހާރު އުޅޭ 120 މީހަކާއި އެނބުރި ދިޔަ 250 މީހުންގެ ތެރެއިން 36 ޕަސެންޓް މީހުން ވަނީ އިތުރުގަޑީގެ މަސައްކަތްތަކަށް މުސާރަ ނުލިބޭ ކަމަށް ބުނެފަ އެވެ. އެ މީހުންނަށް އެވްރެޖްކޮށް މަހަކު ލިބެނީ 3,600 ރުފިޔާ އާއި 4,000 ދިވެހި ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށް އެ ދިރާސާގައިވެ އެވެ.
މަސައްކަތްތެރިންނަށް އެތައް ގޮތަކުން ތަފާތުކުރުމާއި އަނިޔާތަކާ ކުރިމަތިލާން ޖެހުނު ކަމަށް އެ ދިރާސާގައިވެ އެވެ. ގާތްގަނޑަކަށް 38 ޕަސެންޓް މީހުން ބުނީ ވަޒީފާދޭ ފަރާތްތަކުން ޕާސްޕޯޓް ނަގާފައިވާ ކަމަށާއި ލިޔެކިޔުންތައް ނެތް އަދި ލިޔެކިޔުންތައް ހުރި މަސައްކަތްތެރިންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން މަސައްކަތުގެ މާހައުލުގައި ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
އެ ދިރާސާގައިވާ ގޮތުން އެ މީހުން ވަޒީފާ ހޯދަން ދަނީ ބޮޑު އަދަދެއް ކޮރަޕްޓް ނިޒާމުގެ ތެރެއިން ދެއްކުމަށްފަހު ކަމަށެވެ. އަދި ރާއްޖެ އައުމަށްފަހު އެމީހުން އުޅެނީ ހާލުގައި ކަމަށާއި ނަމަވެސް ގައުމަށް ފައިސާ ފޮނުވާ ކަމަށް އެ ދިރާސާގައިވެ އެވެ.
މެދުއިރުމަތީގައި އުޅޭ މަސައްކަތްތެރިންނަށް ވެސް މިފަދަ ކަންކަން ދިމާވާ ކަމަށް އެ ދިރާސާގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!