ނ. ލަންދޫ ކައުންސިލްގެ ޕިކަޕެއްގައި ރޯކޮށްލައިފިއެވެ.

މި ޕިކަޕުގައި ރޯކޮށްލާފައި މިވަނީއެރަށުގައި، އަންނަމަހު ކުނި މެނޭޖްކުރަން ފެށުމަށް ތައްޔާރީތައް ވެފައި ވަނިކޮށެވެ.

Ad
rt

އެރަށު ކައުންސިލުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 3:50 ހާއިރު ކަމަށާއި އެއާއެކު އަލިފާން ނިއްވާލަން މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް އަލިފާން ނިއްވާލެވުނު އިރު، ޕިކަޕުގެ ބޮޑުބައެއް އަނދާފައި ކަމަށް ވެސް ބުނެއެވެ.

"އެއީ ސަރުކާރުން އެރަށަށް ހަދިޔާ ކުރި ޕިކަޕެއް. އެއީ ކުނި މެނޭޖްކުރުމުގެ ބޭނުމަށް ލިބިފައިވާ ޕިކަޕެއް. މާދަމާ އަކީ ކުނި މެނޭޖްކުރަން ފަށަން ނިންމާފައިވާ ދުވަސް. ޕިކަޕުގައި ހުޅުޖެހީ ކޮން ބައެއްކަން އަދި ނޭނގެ." ކައުންސިލުން ބުނެއެވެ.

އެ ކައުންސިލުން ބުނީ ފުލުހުންނަށް ސީސީޓީވީ ފުޓޭޖު ހިއްސާކޮށް، ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ ރަށުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ އިރު، ގޭބިސީތަކުން ރަޖިސްޓްރީ ވުމަށް ކައުންސިލުން ވަނީ އެދިފައެވެ. ނަމަވެސް ބައެއް ގޭބިސީތަކުން އަންނަނީ ކުނި ނެގުމަށް ނަގާ ފީ ބޮޑު ކަމަށް ބުނެ ޝަކުވާ ކުރަމުން ކަމަށް މަންސޫރު ވިދާޅުވިއެވެ.

ކޮންމެ ގޭބިސީއަކުން ވެސް 200 ރުފިޔާގެ ފީއެއް ނަގައިގެން ކުނި އުކާލުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު، އެ އަގު ކަނޑައަޅާފައި ވަނީ މިނިމަމް ވޭޖް ގަވާއިދާ އެއްގޮތަށް މުސާރަ ކަނޑައަޅާ ނަމަ، އެ ވަރުގެ ފީއެއް ނަގައިގެން ނޫނީ އެ މަސައްކަތް ނުކުރެވޭނެތީއެވެ.