ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިގޮތަށް ނިންމީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން، ދެ ވަނަ ނޯޓިސްއެއް ވެސް ދިނުމަށް ފަހުއެވެ.

Ad
rt

ކުރީގެ މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ ހަރަކާތަށް އުފެއްދެވި އެ ޕާޓީއަށް މެމްބަރުން ހަމަކުރުމަށް ދެވަނަ ފަހަރަށް ނޯޓިސް ދީފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ.

އެމްއާރުއެމަށް ފުރަތަމަ ނޯޓިސް ދިނީ 2022 ގައެވެ. ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ތިން މަސް ދިން ޕާޓީތަކުގެ ތެރޭގައި އޭރު އެމްއާރުއެމް ހިމެނުނަސް މިދިޔަ ޖޫން މަހުގެ ތެރޭގައި މެމްބަރުން ހަމަކޮށްފައިވާތީ، ޕާޓީ އުވުމުގެ ބިރު އޭރުވަނީ ފިލާފައެވެ.

ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ، ގާނޫނަކުން 2005 ގައި ދިނުމުން މައުމޫން އެންމެފުރަތަމަ އުފެއްދެވީ ޑީއާރުޕީ އެވެ. އެހެންނަމަވެސް އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ޕާޓީ ބައިބައިވެ، ޕީޕީއެމް އުފެއްދެވިއެވެ.

ޕީޕީއެމް ވެސް ދޫކޮށްލައި، އެމްއާރްއެމް ޖެހިވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގެ ތެރެއިންނެވެ.