ނަރުހުންނަކީ ބަލި މީހާއަށް ހަމަޖެހުން ހޯދައިދޭ އޯގާތެރިކަމުން ފުރިގެންވާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ފަޒްނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޑިނަރނައިޓްގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައެވެ.
އެކަމަނާގެ ރޭގެ ވާހަކަފުޅުގައި ވިދާޅުވީ، ނަރުހުން ފޯރުކޮށްދެއްވާ ޚިދުމަތުގެ ނާރެހަކީ އަޅައިލުމާއި ބެލެހެއްޓުމާއި އަދި ބަލިމީހުންނަށް އެންމެ ހެޔޮގޮތް އިޚްތިޔާރު ކުރުމާއިއެކު ކަންކަން ނިންމުން ކަމަށެވެ.
މީގެ އިތުރުން ނަރުހުންނަކީ ބަލިމީހާގެ އެނދުކައިރީގައި ސައްވީސްގަޑިއިރު ތިބޭ އެންމެ ގާތް އެކުވެރިން ކަމަށާއި އަދި އެއީ ބަލި މީހާއަށް ހަމަޖެހުން ހޯދައިދޭ، އޯގާތެރިކަމުން ފުރިގެންވާ ބައެއްކަމުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި ނަރުހުންނަކީ ނަފުސާނީ އަދި ޖަޒުބާތީ ދައުރެއް އަދާކުރާ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ.
މެޑަމް ފަޒްނާ ވަނީ ނަރުހެއްގެ ފަރާތުން އެކަމަނާ އަށް ލިބިވަޑައިގެންނެވި ޚިދުމަތާގުޅޭ ގޮތުން އެކަމަނާގެ ވަރަށް ކުރީގެ ހަނދާންތަކަކާއި އަދި ކޯވިޑް ފެސިލިޓީގައި ޚިދުމަތްކުރެއްވި ދުވަސްތަކާއި ބައިވެރިވެވަޑައިގެންނެވި ބައެއް ބައްދަލުވުންތަކުގައި ބަލިމީހުންނާއި ގުޅޭގޮތުން އެކަމަނާ ކުރެއްވި ބައެއް ތަޖުރިބާތައް ވެސް ރޭ ޙިއްޞާ ކުރެއްވިއެވެ. މިކަންކަން ޙިއްޞާކުރައްވަމުން އެކަމަނާ ވަނީ ޞިއްޙީ ނުރައްކާ ކުރިމަތިވާހިނދު އެކަންކަން ހައްލުކޮށް އަމާން އައްސޭރިއަކަށް ވާސިލުކޮށްދިނުމުގެ ހިތްވަރާއި ކުޅަދާނަކަމާއި ކެރުންތެރިކަމާއި ކަންކުރަންވީ އެންމެ ތޫނުފިލިގޮތް ނަރުހުންގެ ކިބައިގައި ހުންނަކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެކަމަނާ ވަނީ ނަރުހުންނަކީ އަބަދުވެސް އެމީހުންގެ އަމިއްލަ ދަތިތަކުގެ ބުރައަށްވުރެ، އެމީހުންނަކީ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރު އަދާކުރާ ބައެއްކަމުގެ އިހުސާސްތަކުން އުފަލާއި ހިންހަމަޖެހުން ލިބިގަންނަ ހިތްވަރުގަދަ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ މިހާރު ޚިދުމަތުގައި ތިއްބެވި ނަރުހުންވެސް އަދި ނަރުސްކަން ދަސްކުރާ ދަރިވަރުން ވެސް އެފަދަ ބަޔަކަށްވުމަށް އެދިވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!