ﷲގެ ޘަވާބާއި ރުހިވޮޑިގަތުމަކީ ބޭރުފުށުގެ އަމަލުތަކުން ހާސިލުކުރެވެނެ ކަންކަމެއް ނޫން ކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.
މާތް ﷲ ބައްލަވައިވޮޑިގަންނަވަނީ ބޭރުފުށަކަށް ނޫން ކަމަށާއި މީސްތަކުންގެ ހިތްތަކަށާއި އަމަލުތަކުގެ އިޚްލާސްތެރިކަމަށް ކަން ވެސް ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.
ޚުތުބާގައި ބުނީ އަމިއްލަ އެދުން ބޮޑުވެ، ތާރީފްކުރުމަށް ލޯބިކުރެވުނުވަރަކަށް އިޚްލާސްތެރިކަން ފަނޑުވަމުންދާނެ ކަމަށާއި ﷲ ގަބޫލުކުރައްވަނީ އެއްވެސް ކިލަނބުކަމެއް ނެތް ސާފުތާހިރު އަމަލުތައް ކަމަށެވެ. އަދި އިސްލާމް ދީން ދެކޭގޮތުގައި ކަންދެއްކުމަކީ ޝިރްކުގެ ބާވަތެއް ކަމަށާއި އަހަރުމެންގެ ރަނގަޅު އަމަލުތައް، ނުބައި އަމަލުތަކަށް ބަދަލުކޮށްލާ އެންމެވަރުގަދަ ބާރަކީ ކަންދެއްކުން ކަމަށެވެ.
"އަހަރުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އޭނާކުރާ ހުރިހާ މަސައްކަތަކީ މާތްﷲ ގެ ރުހިވޮޑިގަތުން ހޯދުމަށާއި އޭނާ މަސައްކަތްކުރާ ތަނުގެ މަސްލަހަތަށްޓަކައި ކަމެއްކަމުގައި ހަދާނެ ނަމަ، ކިހާ ރަނގަޅު ހެއްޔެވެ. ހިތާމައަކީ ހުރިހާ މުވައްޒަފުންގެ ފަރާތުން މިފަދަ އިޚްލާސްތެރިކަމާއި ތެދުވެރިކަން ނުފެންނާތީއެވެ." ޚުތުބާގައި ބުނެފައި ވެއެވެ.
'އަމަލުތަކުގައި އިޚްލާސްތެރިވުން' މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ އިޚްލާސްތެރިކަން އެންމެބޮޑަށް ބޭނުންވާ އެއް މައިދާނަކީ އިލްމާއި ޘަގާފަތުގެ މައިދާން ކަމަށާއި މާތްﷲ އިންސާނާއަށް ދެއްވި އެންމެ މާތް އެއް ނިއުމަތަކީ އިލްމު ކަމުގައިވާއިރު، މި އިލްމު ނުބައި މަގުސަދެއްގައި ބޭނުންކުރެވިގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން މިއަދު ދުނިޔެއާއި ކުރިމަތިވެފައިވާ ނިއުކްލިއަރ ހަތިޔާރުގެ ބިރާއި ތިމާވެށި ހަލާކުވުމުގެ ބިރުގެ އެންމެބޮޑު ސަބަބަކީ އިލްމުވެރިން އީޖާދުކުރި ގެއްލުންހުރި އީޖާދުތައް ކަމަށް ވެސް ޚުތުބައި ވަނީ ބުނެފައެވެ.
އެހެންކަމުން އިލްމު އުނގެނުމާއި އުނގަންނައި ދިނުމުގައި އާންމުު މަސްލަހަތު ކުރިއަށް ނެރުމަށް އިސްލާމް މުދައްރިސުންނަށާއި ކިޔަވާ ކުދިންނަށް މިއަދުގެ ޚުތުބާގައި ވަނީ ގޮވައިލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!