ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު މަޝްރޫއު ހިންގާ ކުންފުނީގެ މުވައްޒަފުންގެ މެދުގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

އެރަށުން ވާހަކަދެއްކި މީހަކު 'ތިލަދުން' އަށް ބުނީ އެ މަސައްކަތްކުރާ ކުންފުނި، އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްގެ މުވައްޒަފުންގެ މެދުގައި ތަފާތުއެކި މައްސަލަތައް ޖެހެމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

Ad
rt

ގާތްގަޑަކަށް 500 އެއްހާ އިންޑިއާ މީހުން މަސައްކަތްކުރަމުން އަންނަ އެ ސައިޓުގައި މަސައްކަތުގެ ވަގުތާއި، ކެއުމަށް ހުންނަ ތަކެތީގެ މައްސަލާގައި ނުރުހި މީގެ ކުރިން ވެސް ބައެއް ފަހަރު ތަށިތައް އުކައިލުމާއި ހަލާކުކޮށްލުން ފަދަ ކަންކަން ހިނގާފައިވާކަމަށް އޭނާ ބުންޏެވެ.

އެހެންނަމަވެސް މިއަދު ހިނގާފައިވަނީ މާރާމާރީއެއް ކަމަށާއި އެއީ ސްޕަވައިޒަރުންނާއި އާންމު މަސައްކަތު މީހުންގެ މެދުގައި ކަމަށް އޭނާ ބުންޏެވެ. އަދި މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ވެސް ބުނެއެވެ.

އޭނާ އިތުރަށް ބުނީ މި މާރާމާރީ ހުއްޓުވުމަށް ހަނިމާދޫގައި ތިބި ސިފައިންނާއި ފުލުހުންގެ އިތުރުން އެއަތޮޅު ކުޅުދުއްފުށިން ވެސް ފުލުހުން ގެނެސްފައިވާ ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އޮފިޝަލަކު ވަނީ ''އެއީ ހިނގައިގެން އުޅޭ ކަމެއް'' ކަމަށް ވިދާޅުވެފައެވެ.

މިކަމާއިގުޅިގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ އެ ސައިޓްގައި މަސައްކަތްކުރާ 3 މީހަކަށް އަނިޔާވެގެން ފަރުވާއަށް ސިއްހީ މަރުކަޒަށް ގެނެސްފައިވާ ކަމަށެވެ. އޭގެތެރެއިން އެކަކުގެ ބޯ ފަޅައިގެން ގޮސް ގާތްގަޑަކަށް ދޮޅުއިންޗީގެ ތަނެއް ފަހާފައިވާ ކަމަށެވެ. އަދި ދެން ތިބި ދެމީހުންގެ ތެރެއިން އެކަކުގެ ލޯ މައްޗަށް ލޭ އަރާފައިވާއިރު، ދެން ހުރި މީހާގެ ކޮނޑުމަތިން ތަންގަނޑެއް ނޫފައިގަތްފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ބަހެއް ހޯދައިލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަނީ ދެންނެވިފައެވެ. ނަމަވެސް އަދި އެ އިދާރާގެ ބަހެއް ނުލިބެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބުކުރި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއަށް މަޝްރޫއު އެވޯޑުކޮށް، އެ މަޝްރޫގެ 2 ބިލިއަން ރުފިޔާ ކުންފުންޏާ ހަވާލުކޮށްފައިވަނީ އޯގަސްޓް 10 ވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެ ކަމަށާއި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެ ކަމަށެވެ.

2024 ވަނަ އަހަރު ނިމެންވާއިރަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ނިންމާލެވޭކަމަށް ސަރުކާރުން އުންމީދު ކުރާކަމަށް މީގެކުރިން ރައީސް އޮފީހުން ވިދާވެފައިވެއެވެ.

މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބެންކާއި ރާއްޖެއާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.