ތިލަމާލޭ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމާއި ގުޅިގެން ކުރި ޖޫރިމަނާ މައާފު ނުކޮށްދޭނެ ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެ ތަހުގީގުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެހެންނަމަވެސް ފަރަށް ލިބުނު ގެއްލުމަށް ކޮށްފައިވާ ޖޫރިމަނާ މައާފު ކުރުމުގެ ވިސްނުން ސަރުކާރުގެ ވެސް އަދި އެކަމަނާގެ ވެސް ނެތް ކަމަށް ވިދާޅުވިއެވެ.
މި ޖޫރިމަނާ މައާފުކޮށްދިނުމަށް އެ ކުންފުނިން ވަނީ ޝައުނާއަށް ހުށަހަޅާފައިވީނަމަވެސް ޝައުނާ ވިދާޅުވީ އެފްކޮންސް އިން މައާފުކޮށްދިނުމަށް އެދުމުން ގާނޫނީ ލަފާ ހޯއްދަވާފައިވާ ކަމަށާއި ލަފާ ލިބުނީ ފަރަށް ލިބުނު ގެއްލުމާއި ގުޅޭގޮތުން މިނިވަން ތަހުގީގެއް ކުރުމަށް ކަމަށެވެ.
ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރީ މިދިޔަ އަހަރުގެ އޮގަސްޓު 16 ވަނަ ދުވަހުއެވެ. އެ ޕްލެޓްފޯމް އެފްކޮންސް ކުންފުންޏަށް ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.
މި މައްސަލައިގަ ފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރުމަށް ފަހު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެ ޖޫރިމަނާ ދައްކަން ދީފައި އޮތީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތެކެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރަކީ ތިމާވެއްޓަށް ދެމުންދާ ގެއްލުންތައް އެންމެ ބޮޑަށް ބަލަމުންދާ ސަރުކާރު ކަމަށެވެ. އެގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި40 މައްސަލައެއްގައި600 މިލިއަނަށްވިރެ ގިނަ ރުފިޔާގެ ޖޫރިމަނާ އެ ކި މައްސަލަތަކުގައި ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ޖޫރިމަނާތަކުގެ ތިން ބައިކުޅަ އެއްބައި ފައިސާ ދައުލަތަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!