އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައިޕީއެންއެލްއެފް) ގެ ބޯޑު އޮފް ޓްރަސްޓީސްއަކަށް ރާއްޖޭގެ މުހައްމަދު ރަޝީދު ހަމަޖައްސައިފިއެވެ.

ސިލްވަރ ސޭންޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާ ރަޝީދު އައިޕީއެންއެލްއެފް ގެ ބޯޑު އޮފް ޓްރަސްޓީސް އަށް ހަމަޖެއްސުމާއި ގުޅިގެން މިއަދު ''ތިލަދުން'' އަށް ވިދާޅުވީ، މިއީ ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަން ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރަށްވުރެ އިތުރަށް ކުރިއެރުވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

Ad
rt

މީގެ އިތުރުން ރާއްޖޭގައި ބަންދުކުރާ ދަޅުމަސް ދުނިޔޭގެ މާކެޓަށް ވިއްކައި، މިހާރަށްވުރެ މަގުބޫލު އަދި މީހުން ބަލައިގަންނަ އެއްޗަކަށް ހެދުމަށް ވެސް މިއީ ނުހަނު ބޭނުންކުރެވިދާނެ ފުރުސަތެއްކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ރަޝީދު ވަނީ އައިޕީއެންއެލްއެފް އަކީ އިނގިރޭސިވިލާތުގައި އުފެދިފައިވާ ޖަމިއްޔާއެއް ކަަމަށާއި އެ ޖަމިއްޔާގެ ގޮތްޕެއް ރާއްޖޭގައި ވެސް އޮންނަކަން ވެސް ފާހަގަ ކުރައްވާފައެވެ.

އެ ޖަމިއްޔާގެ ބޯޑު އޮފް ޓްރަސްޓީސް އަށް މީހުން ގޮވުމުގައި ވަރަށްގިނަ ކަންކަން ބަލާ ކަމަށާއި، އެގޮތުން ކުށުގެ ރެކޯޑާއި މަސައްކަތުގެ ދާއިރާ ވެސް ބަލާ ކަމަށް ވިދާޅުވިއެވެ. އަދި އޭނާ އެ މަގާމަށް ހަމަޖެއްސީ އެ ހުރިހައި ކަމަކަށް ވެސް ބެލުމަށްފަހު ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދަކީ މީގެ ކުރިން ހޮރައިޒަން ފިޝަރީޒްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި މިފްކޯގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައިޕީއެންއެލްއެފް) އަކީ، ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި އަދި އިޖުތިމާއީ ގޮތުން ޒިންމާދާރު ޕޯލް އެންޑް ލައިން، ހޭންޑްލައިން އަދި ޓްރޯލް ޓޫނާ މަސްވެރިކަމަށް ތާއީދުކޮށް މަސައްކަތް ކުރަމުން އަންނަ ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.