ލޯކަލް ކައުންސިލްތަކަށް އިންތިހާބު ކުރާ މެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖްލީހަށް ލިބޭ ގޮތަށް މަޖްލީހުގެ ލާމަރުކަޒީ ކޮމިޓީއިން ލާމަރުކަޒީ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ލާމަރުކަޒީ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. އެ އިސްލާހަށް ކޮމިޓީ މަރުހަލާއިންވެސް ވަނީ ގިނަ ބަދަލުތަކެއް ގެެނެސްފައެވެ. މިގޮތުން ރައްޔިތުންގެ މަޖްލީހުގެ ރުހުމާއި އެކު ކައުންސިލަރުން އަދި މޭޔަރުންނަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް ވަނީ ދީފައެވެ.
މިގޮތުން ކައުންސިލް މެމްބަރުން މަޤާމުގެ ވާޖިބުތައް އަދާ ނުކުރެވޭ ކަމަށް ފެންނަ ނަމަ، އެ ކައުންސިލަރުން މަޤާމުން ވަކި ކުރަން މަޖްލީހުން އެލްޖީއޭއަށް އެންގިދާނެ ކަމަށް އިސްލާހުގައި ވެއެވެ.
"ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކޮށް އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނީ އިމުން ބޭރުން ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުން ވަމުން ދާކަން ފާހަގަ ކުރެއްވިޖެ ނަމަ އެ ކައުންސިލަރު ނުވަތަ މޭޔަރު ނުވަތަ ރައީސް މަގާމުން ވަކިިކުރުމުގެ ގޮތުން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭ އަށް ލިބިގެންވެ އެވެ."
ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުގައި ބުނެފައިވެ އެވެ.
ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއް ވިޔަސް ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.
އަދި އެލްޖީއޭއިން ހުށަހަޅާ ހުށަހެޅުމާ އެއްގޮތަކަށް ކައުންސިލަރަކު ނުވަތަ ރައީސްއަކު ނުވަތަ މޭޔަރުވިޔަސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހިސާބުން އޭނާ މަގާމުން ވަކިވާނެ ކަމަށްވެސް ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ބުނެފަ އެވެ.
މިގޮތަށް އިސްލާހު ހުށަހެޅުމުން ބައެއް ފަރާތްތަކުން ދަނީ މިކަމަށް ފާޑު ކިޔަމުންނެވެ. އަދި މިއީ ވެރިކަން ހިންގުމުގެ ބާރަށް ރައްޔިތުންގެ މަޖްލީހުން ސީދާ ނުފޫޒު ފޯރުވުން ކަމަށް ބައެއް ޤާނޫނީ މާހިރުން ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!