އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓު، މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމުގެ ކުރިން އެމްޑީޕީއާ މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީން ރޭ ނިންމައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރުގެ ވެސް ސަރުކާރު ހިންގާ އިއްތިހާދާއެކު ކުރިއަށް ދިޔުމަށް ދައުވަތުދެއްވައި، ރައީސް ޞާލިޙް ވަނީ މިސަރުކާރުގެ އިއްތިހާދުގެ ބައިވެރިންނަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

Ad
rt

އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައި، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ރޭ އެއްވީ މި ސިޓީފުޅާއި ގުޅިގެން އެ ޕާޓީން ކުރިއަށްދާނެ ގޮތަކާމެދު މަޝްވަރާ ކުރުމަށެވެ.

މަޝްވަރާ މަޖިލީހުގެ ރޭގެ ބައްދަލުވުމަށްފަހު އެ މަޖިލީހުގެ ނިންމުން ހާމަކުރަމުން އަދާލަތުން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީއާއި ގުޅިގެން ސަރުކާރެއް އުފެއްދުމަށްޓަކައި، އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދުކޮށް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށެވެ.

''މިހިނގާ ރިޔާސީ ދައުރުގައި ވޭތުވެދިޔަ ދައުރުތަކާއި އަޅާބަލާއިރު ކުރެވުނު ފަހި ތަޖުރިބާއަށް ރިޢާޔަތްކޮށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އަދާލަތު ޕަޓީގެ ތާއީދު ދިނުމުގެ ކުރިން، އެ ޕާޓީއާ މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީގެ މިރޭ ބޭއްވުނު ކުއްލި ބައްދަލުވުމުން ވަނީ ނިންމާފައި'' އަދާލަތުން ބުނެފަވެއެވެ.

އިއްތިހާދެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ރައީސް ދެއްވާފައިވާ ދައުވަތާއި ގުޅިގެން އަދާލަތުގެ އެންމެ އިސް ގުނަވަން، މަޝްވަރާ މަޖިލީހުން ރޭ މަޝްވަރާ ހިންގިއިރު މިހާރުގެ ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ އަނެއް ދެ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑީވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އަދި އެކަމާމެދު މަޝްވަރާ ހިންގިކަމެއް ނޭންގެއެވެ.

ރައީސް ޞާލިޙްގެ ދައުވަތާއި ގުޅިގެން އަދާލަތުން ކުރިއަށްދާނެ ގޮތެއް ނިންމުމުގެ މަސައްކަތް ފެށިއިރު، މިހާރުގެ ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ، ޖޭޕީން އެ ދައުވަތާމެދު ޢަމަލުކުރާނެގޮތް މިހާތަނަށް ސާފުނުވެ އޮތްއިރު، ޖޭޕީގެ ތާއީދު ހޯދުމަށް ރައީސްގެ ދެ މަންދޫބަކު ވަނީ މިދިޔަ ހަފުތާ ބަންދުގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙީމާއި ބައްދަލު ކުރައްވާފައެވެ.