ރާއްޖޭގައި 5 އަހަރާއި 11 އަހަރާ ދެމެދު ކުދިންނަށް ކޯވިޑް-19 އިން ރައްކާތެރިވުމަށް ދޭ ފައިޒާ ވެކްސިން ދޭން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވިދާޅުވި ގޮތުގައި ފައިޒާ ވެކްސިން ވަނީ ރާއްޖެއަށް ލިބިފައެވެ. އެހެންކަމުން އިއްޔެއިން ފެށިގެން 5 އަހަރާއި 11 އަހަރާއި ދެމެދު ކުދިންނަށް މި ވެކްސިން ދޭން ފަށާފައިވާ ކަމަށް އެ އޭޖެންސީން ވިދާޅުވެއެވެ.

Ad
rt

އެޗްޕީއޭއިން ވިދާޅުވިގޮތުގައި މި ވެކްސިން މި އުމުރުފުރާ ކުދިންނަށް ދޭން ފެށީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންއިން ލަފާދެއްވުމުންނެވެ. އެހެންކަމުން މި އުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމަށް ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ވެކްސިން ޖެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ ވެކްސިން ސެންޓަރުތަކުންނާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، ސިއްހީ މަރުކަޒުތަކުގަ އެވެ.

މީގެ އިތުރުން އުމުރުން 12 އަހަރުން މަތީގެ ކުދިންނަށްވެސް ފައިޒާ ވެކްސިން މިހާރު ދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން ކޯވިޑްގެ ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.