ގއ.ވިލިނގިލި އަދި އައްޑޫ ސިޓީ ހިތަދޫގައި އަލަށް އާބާދުވި ސަރަހައްދާއި ހިއްކި ބިމުގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުއެވެ.

Ad
rt

ވިލިނގިލީގެ ނަރުދަމާގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ގއ.ވިލިނގިލި އަލަށް އާބާދުވި ސަރަހައްދު އަދި ހިއްކި ބިމުގައި ނަރުދަމާ ހޮޅި އެޅުމާއި، ޕަންޕް ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި ސީ އައުޓްފޯލް އެއް އެޅުން ހިމެނެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން 43.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ފެނަކައާ ހަވާލު ކުރީ 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ސ. ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ޤާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި އެ މަސައްކަތް ކުރެވިފައިނުވާ ސަރަހައްދުގައި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި ފެނުގެ ވިއުގައެއް އެޅުމާއި ފެން މީޓަރުތައް ބަހައްޓާ، މިހާރު އައްޑޫ ހިތަދޫގައި ދެމުންދާ ފެނާއި ނަރުދަމާ ނިޒާމާއި ގުޅާލުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 21.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމަން ހަވާލުކޮށްފައިވަނީ 350 ދުވަހުގެ ތެރޭގައެވެ.