އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާއި ފުލަމް ރޭ ބައްދަލުކުރި މެޗުގައި ހެރީ ކޭން ޖެހި ލަނޑާއިއެކު، ޓޮޓެންހަމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އެ ޓީމްގެ ކުރީގެ ފޯވާޑް ޖިމީ ރީވްސް ހަދާފައިވާ ރެކޯޑާއި ކޭން އަރާ ހަމަކޮށްފިއެވެ.
ރޭ ފުލަމްގެ ދަނޑުގައި ކުޅުނު މެޗު ޓޮޓެންހަމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗަކީ އުމުރުން 29 އަހަރުގެ ފޯވާޑް ހެރީ ކޭން ޓޮޓެންހަމްގެ ޖޯޒީގައި ޕްރިމިއާ ލީގުގައި ކުޅުނު 300 ވަނަ މެޗެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް ޓޮޓެންހަމަށް 199 ލަނޑު ޖަހައިދީފައެވެ.
ޗެލްސީން ކެރިއާފެށި ޖިމީ ރީވްސް ޓޮޓެންހަމަށް ކުޅެފައި ވަނީ 1961 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރުގެ ނިޔަލަށެވެ. އެ މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް 379 މެޗު ކުޅެދީ 266 ލަނޑު ޖަހާފައެވެ. ކޭން މި އަދަދަށް ލަނޑު ޖަހާފައި ވަނީ ޓޮޓެންހަމަށް ކުޅެދިން 415 މެޗުގައެވެ. ކޭން ޓޮޓެންހަމާއި ގުޅިފައި ވަނީ 2011 ވަނަ އަހަރުއެވެ.
Needed a win like that after a tough couple of results. Very proud to level Jimmy Greaves’ record just looking for one more to break it now! pic.twitter.com/wutoucU7tC
— Harry Kane (@HKane) January 23, 2023
ޓޮޓެންހަމުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ޓޮޓެންހަމްގެ ސޮން ހެއުން މިން ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އޭރިއާ ރޮނގުކައިރިން ކުޑަ ޖާގައެއް ހޯދައި، ކޭން ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
މި މޮޅާއިއެކު ޓޮޓެންހަމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 5 ވަނާގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 36 ޕޮއިންޓެވެ. މި މެޗުން ބަލިވި ފުލަމް މިވަގުތު އޮތީ ތާވަލުގެ 7 ވަނާގައެވެ. ފުލަމްއަށް 21 މެޗުން ވަނީ 31 ޕޮއިންޓް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!