ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ނޮޅިވަރަމު ކައުންސިލް އިދާރާ އިން ވިދާޅުވެފައިވަނީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން އެ ރަށުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ އެ ކުލަބުން ދިވެހި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުން ކަމަށެވެ.

Ad
rt

އެ ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުއި ފުޓްބޯޅަ އެކަޑަމީ ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ފުރަތަމަ އެކަޑަމީ ފަށާ ރަށްތަކުގެ ތެރޭގައި ނޮޅިވަރަމް ހިމެނެއެވެ. ނޮޅިވަރަމުގައި އެކަޑަމީ ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ ތެރޭގައެވެ.

މި އެކަޑަމީން ފުރުޞަތު ދިނުމަށް ނިންމާފައިވާ އުމުރު ފުރާތަކަކީ 7 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުންދަށެވެ. އެކަޑެމީ އަށް ކުދިންވަންނަ ނިސްބަތަށް ބަލައި، 100 ކުދިންނަށްވުރެ އިތުރުވާނަމަ ދާއިމީ ގޮތެއްގައި ތަމްރީން ދިނުމަށް، ރާއްޖެއިން ބޭރުގެ ފެންވަރު ރަނގަޅު ކޯޗެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

އެކަޑެމީ ހިންގަން ފެށުމުގެ ކުރިއަށް، އެކަޑެމީ އަށް ބޭނުންވާ ހުރިހާ ސާމާނު، އެކަޑެމީގެ ފަރާތުން ފޯރުކޮއްދިނުމަށް ނިންމާފައިވާއިރު، އެކަޑަމީގައި ބައިވެރިވާ ކުދިންއަތުން ނެގުމަށް ހަމަޖެހިފައިވަނީ މަހަކު -/300 ރުފިޔާއެވެ. އެޕްލިކޭޝަން ފޯމާއިއެކު، އަލަށް ވަންނަ ކުއްޖެއްގެ އަތުން، އެކަޑެމީ ކިޓް ފީގެ ގޮތުގައި، -/300 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކަޑެމީގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، 31 ޖަނަވަރީ ގެ ނިޔަލަށް މި ފުރުސަތު އޮންނާނެއެވެ. ރަޖިސްޓްރީވާން އެދޭ އެޕްލިކޭޝަންފޯމް ނޮޅިވަރަމު ކައުންސިލް އިދާރާއިން ރަސްމީ ގަޑިތަކުގައި ލިބެން ހުންނާނެއެވެ.

ނިއުރޭޑިއަންޓްގެ ފުޓްބޯޅަ އެކަޑަމީއެއް ހއ. ބާރަށުގައި ވެސް ހިންގަން ނިންމައި މިހާރު ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.