ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ދީލަތި އެހީގައި ނަރުދޫ ރައްޔިތުންނަށް ލޯން ސްކީމެއް ދޫކުރުމަށް ތައްޔާރު ވެއްޖެއެވެ.

ނަރުދޫ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަރުސިދު ވަނީ މި ސްކީމާއި ގުޅޭ މައުލޫމާތު ''ތިލަދުން'' އަށް ހިއްސާ ކުރައްވާފައެވެ.

Ad
rt

އޭނާ ވިދާޅުވީ މިއީ ޖޭޕީގެ މެޖޯރިޓީ އޮންނަ އެރަށުގެ ކައުންސިލުގެ ވައުދު ފުއްދުމަށް ގާސިމް ވެދެއްވި އެހީތެރިކަމެއް ކަމަށެވެ. އެގޮތުން މި ލޯން ސްކީމިގެ ދަށުން ފައިސާ ދޫކުރުމަށް އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 45 ވަނަ ޖަލްސާއިން ވަނީ ލޯނު ދޫކުރާނެ އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިިއެވެ.

މުސްތަރުސިދު ވިދާޅުވީ މިއީ ރައްޔިތުންގެ ތެރެއިން ފުދުންތެރިކަން ކުޑަ، އެހެނަސް ޒަރޫރީ ބޭނުންތައް ކުރުމަށް ދޫކުރާ ލޯނެއް ކަމަށެވެ.

"މިސާލަަކަށް ދަނޑުވެރިކަން ކުރާ ފަރާތަކަށް ގަސްކާނާ ގަތުން. މޮބައިލް ފޯނެއް ނުވަތަ ޓެބްލެޓެއް ގަތުން ފަދަ ކަންކަމަށް ލޯނު ދޫކުރާނީ. މިއީ ވިޔަފާރިތައް ކުރުމަށް ދޫކުރާކަހަލަ ލޯނެއް ނޫން. ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ކޮންމެހެން ފުއްދުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުން އެންމެބޮޑު ބޭނުމަކީ." މުސްތަރުސިދު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި ލޯނު ދޫކުރާނެ އުސޫލެއް ވެސް ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް މިހާރުކުރިއަށް ދަނީ މިފަދަ ކަމެއް އިސްލާމީ ތަރަހައިގެ ތެރެއިން ކުރުމަށް ކުރަންޖެހޭ ކަންކަން ބެލުން ކަމަށެވެ. އަދި ލޯނަށް އެދި ހުށަހެޅުމަށް ފޯމެއް ވެސް ހަދާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުބަލަމުންދާ ކަންކަން ބެލުމަށްފަހު، ލޯނު ދޫކުރާނެ އުސޫލާއި އެކަމަށް އެދޭ ފޯމު އާންމު ކުރާނެ ކަމަށެވެ.

މުސްތަރުސިދު ވިދާޅުވީ ލޯނު ދޫކުރާނީ އެކަމަށް އެދޭ ފަރާތްތަކަށް ބެލުމަަށްފަހު، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދީގެން ކަމަށެވެ. އަދި މިއީ ހަމައެކަނި އެރަށުގެ ރައްޔިތުންނަށް ދޫކުރާ ލޯނެއް ކަމަށެވެ.

ކައުންސިލުގެ ވައުދުތައް ފުއްދުމަށް ފައިސާގެ އެހީތެރިކަމެއް ގާސިމް އިބްރާހިމް ދެއްވާފައިވާ ކަމަށް ވެސް ނަރުދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޖޭޕީގެ ޓިކެޓްގައި ނަރުދޫ ކައުންސިލަށް ވާދަ ކުރި ހަތަރު ކެންޑިޑޭޓުން ވެސް ވަނީ އިންތިޚާބުވެފައެވެ. އޭގެ ތެރޭގައި ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ހިމެނެއެވެ. އަދި ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 5 ގޮނޑިތެރެއިން ޖޭޕީން ކުރިމަތިލި ތިން ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ.