ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރައްވައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް އެ އިންތިޚާބުން ރައީސް ޞާލިޙް ހޮވުން ވަރަށް ދަތިކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޕްރެޒެންޓަރ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު ފެށުނީއްސުރެ ދަނީ އިސްލާޙަށް މަސައްކަތް ކުރަށްވަމުން ކަމަށެވެ. އަދި އެކަމުގައި އެތައްބަޔަކު ބައިވެރިވާ ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

މިހާރު އޮތީ އެމްޑީޕީ ބައިވެރިވާ ވެރިކަމެއް އުފެދިފައި ކަމަށާއި، މިހާރު ދަތުރުކުރަމުން ދަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާއަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

’’އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި މި އިންތިޚާބު ރައީސް ޞާލިހަށް ކާމިޔާބުކުރެވުން ވަރަށް ދަތި، އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އެމްޑީޕީން ރައީސް ޞާލިޙް ނުކުމެވަޑައިގެންފިނަމަ 10،15 ޕަސެންޓުން ބަލިވުން އެކަށީގެންވާ ކަމެއް’’ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޕާޓީގެ މެންބަރުން އެހާގިނަ މަސައްކަތްކޮށް ރިޔާސީ އިންތިޚާބުގައި ބަލިވުމަކީ ދެރައެއްކަމަށާއި، ޕާޓީއަށް ލިބިގެންދާނެ ނިކަމެތިކަމެއް ކަމަށެވެ.