މ. އަތޮޅު މަދަރުސާގައި އެޅި 8 ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލް ބޭނުން ކުރަން ފަށައިފިއެވެ.
ތައުލީމާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މ. އަތޮޅު ކޮޅުފުށީ ގައި ހުންނަ އެ އަތޮޅު މަދަރުސާގައި މި ސަރުކާރުން ޢިމާރާތްކުރި 8 ކިލާސް ރޫމާއި، މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ނިމި ވަނީ ބޭނުން ކުރަން ފަށާފައެވެ.
މި އިމާރާތްތަކާއެކު ދެން އެ މަދަރުސާ ވެގެން ދާނީ އެއް ދަންފަޅިއަކަށް ކިޔަވައިދޭ ތަނަކަށް ކަމަށް ތައުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން މިހިނގާ މަދަރުސާތަކުގެ ފުރަތަމަ ޓާމް ބަންދަށް ފަހު އަންނަ ޓާމުގެ ކިޔެވުން ފަށާއިރު އެ މަދަރުސާގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށް ތައުލީމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މ. އަތޮޅު މަދަރުސާގައި އެޅި 8 ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލް ބޭނުން ކުރަން ފެށިއިރު، މިއަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައި ވަނީ އެ މަދަރުސާގެ ހޯލްގައެވެ.
މި އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކޮށްފައި ވަނީ ކޮޅުފުށީގައެވެ. އެކަމަށް މިއަދު އެރަށުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!