މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒަށް ވާޞިލްވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައި ވަނީ މި އަހަރު ޖުމްލަ 1.6 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް ސަރުކާރުން އަންދާޒާކުރާކަމަށެވެ.

Ad
rt

މި އަމާޒަށް މިއަދު ވާސިލް ވެވިފައިވާއިރު، މިއަދު ޒިޔާރަތްކުރި 1.6 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރްޙަބާ ދެންނެވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.

މިކަމަށްޓަކައި މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) ކުރިއަށް ދިޔަ މި ޙަފްލާގައި ނައިބު ރައީސްގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ހަފްލާގައި ބައިވެރިވެޑައިގަތް ބޭފުޅުން ވަނީ 1.6 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ހަދިޔާ ދެއްވާފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ކަނޑައެޅި ތާރީހަށް ވުރެ ދެ މަސް ދުވަސް ކުރިން ވަނީ މި އަމާޒު ހާސިލްކޮށްފައިވާއިރު، މިއަހަރު އައި 1.6 މިލިއަން ޓޫރިސްޓުންގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 23.1 ޕަސެންޓް އިތުރު އަދަދެކެވެ.

މި އަމާޒަށް ވާޞިލްވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ޝާމިލްވާ ފަރާތްތަކާއި ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ކޮށްފައެވެ. މިގޮތުން މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ނިޔަލަށް އެމްއެމްޕީއާރުސީން ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 88 މާކެޓިން ކެމްޕެއިން، 41 ފެއާ، 06 ރޯޑްޝޯ، 10 ވާޗުއަލް އިވެންޓް، 17 ފެމިލިއަލައިޒޭޝަން ޓްރިޕް އަދި އެހެނިހެން 09 އިވެންޓް ހިމެނޭ ގޮތަށް 171 އަށް ވުރެ ގިނަ މާކެޓިން އަދި ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖެއަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓް، ސަފާރީ، ހޮޓާ، ގެސްޓްހައުސް ފަދަ ތަންތަނަށް ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލްއަގްވާމީ ގިނަ އެވޯޑްތަކެއް ލިބެމުން އަންނައިރު، 2022 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގައި "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް" ވެސް ރާއްޖެއަށް ވަނީ ލިބިފައެވެ. މިއީ މި ޝަރަފުވެރި ލަގަބު ރާއްޖެއިން ހޯދި ތިން ވަނަ އަހަރެވެ.