އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް) އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޝުކުރު ދަންނަވައިފި އެވެ.
އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ އޯ.އޭ.ސީ.ޕީ.އެސް. ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެން ދެއްވި ގައުމީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ޖިއޮގްރަފީގެ ގޮތުން ދުރުގައި އޮތް ނަމަވެސް ރާއްޖެ އާއި އޯ.އޭ.ސީ.ޕީ.އެސް. ގެ މެންބަރު އެހެން ގައުމުތައް އަބަދު ވެސް ގުޅިފައިވަނީ އެއްގޮތް އަސާސްތަކާއި ގޮންޖެހުންތަކުގެ މައްޗަށް ކަމަށެވެ.
އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކަށް ކުރިމަތިވެފައިވާ އެއްގޮތް ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާ ވަޒީރު ވިދާޅުވީ މިގޮންޖެހުންތަކަށް ހައްލު ހޯދުމަށް ރާއްޖޭގެ ތަޖުރިބާ ހިއްސާކޮށް، އެ ޖަމުއިއްޔާގެ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަޤިންކަން އަރުވާ ކަމަށެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށާއި، އެ ޖަމުއިއްޔާގެ މެންބަރެއްގެ ގޮތުގައި ރާއްޖެއަށް މަރުހަބާ ދެންނެވިކަމަށްޓަކައި ވެސް ހުރިހައި މެންބަރު ގައުމުތަކަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އޯ.އޭ.ސީ.ޕީ.އެސް. ގެ މެންބަރު ޤައުމަކަށް ރާއްޖެ ވީ އެ ޖަމުއިއްޔާގެ ހުރިހާ މެންބަރު ޤައުމުތަކުގެ އިއްތިފާގުން ނެވެ.
(ތީމް) މި ޝިއާރުގެ ދަށުން ބާއްވާ އޯ.އޭ.ސީ.ޕީ.އެސް. ގެ އެންމެ އިސްވެރިންގެ 10 ވަނަ ބައްދަލުވުން ކުރިއަށްދަނީ މިހިނގާ ޑިސެންބަރު މަހުގެ 6 އިން 9 އަކަށެވެ.
މި ސަމިޓުގައި ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ރައީސް ސާލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!