ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި، ގދ. ހޯނޑެއްދޫ / ސްވެން ޢަބްދުﷲ ރަޝީދުގެ ޖަނާޒާ މިއަދު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށް ފަހު، އޭނާގެ ހަށިގަނޑު މިހާރުވަނީ މާލެ ގެނެސްފަ އެވެ.
އޭނާގެ ޖަނާޒާ ބޭއްވުމަށް ނިންމާފައިވަނީ މިއަދުގެ މަޣްރިބު ނަމާދަށްފަހު މަސްޖިދު ތަޢާވުން (އާސަހަރާ މިސްކިތު) ގަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ނިޔާވިި އަބްދުﷲ ރަޝީދަކީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯނޑެއްދޫން ހައްޔަރު ކުރި މީހެކެވެ. އޭނާ ނިޔާވުމާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ އޭނާގެ މެއަށް ތަދެއް އަރައި ފިޓު ޖެހުމުގެ އަލާމާތްތަކެއް ފެނުމުން ގދ. މަޑަވެލީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށެވެ.
އޭނާ ހައްޔަރު ކުރަން ހަރަކާތްތެރި ވުމުގައި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް ޢަބްދުﷲ ރަޝީދު ނިޔާވި މައްސަލައިގައި ގިނަ ކަންބޮޑުވުންތަކަކާއެކު ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ވެސް ވަނީ އުފައްދާފަ އެވެ. އެގޮތުން އޭނާ ހައްޔަރު ކުރަން ހަރަކާތްތެރިވުމުގައި ފުލުހުން އޭނާއަށް އަނިޔާ ކުރިކަމަށާއި ހައްޔަރު ކުރި ވަގުތު ބޮޑީ ކެމް ނުޖެއްސީ ކީއްވެތޯ ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.
އަބްދުﷲ ރަޝީދު ނިޔާވި މައްސަލަ، ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހަވާލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!