ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހު ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް އިންޑިއާގެ ބައެއް މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން މުހިންމު ނަތީޖާތަކެއް ނެރުއްވުމަށް މަޝްވަރާ ކުރުމަށް ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

Ad
rt

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ވެރިރަށް ނިއުދިއްލީގެ އިތުރުން މުމްބާއީ އަށް ވެސް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ދައުލަތާއި ރައީސް އޮފީހުންވެސް މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގަތީ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައެވެ.

ބޮޑުވަޒީރުގެ މަގާމަށް ދެވަނަ ފަހަރަށް އިންތިހާބުވެ ވަޑައިގަތުމަށް ފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަތަމަ ވަޑައިގެންނެވި ގައުމަކީ ވެސް ދިވެހިރާއްޖެ އެވެ.

އިންޑިއާ އަދި ރާއްޖޭގެ ގުޅުން ރައީސް ސޯލިހުގެ ވެރިކަމުގައި ވަރަށް ބޮޑަށް ބަދަހިވެފައި ވާއިރު އެގައުމުގެ އެހީގައި ރާއްޖޭގައި އަންނަނީ ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް ހިންގަމުންނެވެ.